ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ވައި ނުސާފުވާނެތީ ރައްކާތެރިވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ، ސިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން މުޅި ރާއްޖެއަށްވެސް ވަނީ ދުންފުނީގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައެވެ. އަދި މި ޙާލަތު ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމިއޮންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ ފެންވަރު ދަށްވެ، ދުންފުނީގެ އަސަރު ގަދަވެފައިވާތީ ބޭރުތެރޭގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް އާންމުކޮށް މިފަދައިން ނުސާފު ވައިގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ ދުވަސްވަރުގައެވެ. އެއީ ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާ ހިމެނޭ ސަރަޙައްދުތަކުން ބޭރުވާ ނުސާފު ވައި ރާއްޖެއާ ދިމާއަށް ޖެހެމުންދާތީއެވެ. މި ދުވަސްވަރު ޖައްވުގައި ދުންފުނި ގިނަވެ، ލޮލާއި ނޭވާލާ ނިޒާމަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
ރިއެކްޝަންސް





