ދިގުމުއްދަތެއްގައި ސިއްހީދާޢިރާއަށް ޚިދުމަތްކޮށްދެއްވި އަބްދުލްކަރީމް އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަބްދުލްކަރީމް އާދަމް

ދިގުމުއްދަތެއްގައި ސިއްހީދާޢިރާއަށް ޚިދުމަތްކޮށްދެއްވި އަބްދުލްކަރީމް އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Dhigumuhdhathehgai sihheedhaairaaah khidhumaiykohdhehvi Abdhulkareem avahaaravumun Raees thauziyaa vidhaalhuvehje

9 months ago - 13:39
Advertisement
Advertisement

ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފަޚުރުވެރި ޚިދުމަތްތެރިޔާ އަބްދުލްކަރީމް އާދަމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވީ އަބްދުލްކަރީމަކީ ފާއިތުވި ބައިގަރުނެއްހައި ދުވަހު ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި ބޮޑެތި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި ތަޖުރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްސިއްޔަތެއް ކަމަށެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ މި ޝަރަފުވެރި ބޭފުޅެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް ލެހެއްޓެވުމެވެ. އާމީން." ރައީސްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އަބްދުލްކަރީމް އާދަމް 1961 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސިއްޙީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އޭނާ ވަނީ ޞިއްޙަތު (ށ)، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަން، މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ފަދަ ތަންތަނުގައި އެކި މަޤާމުތައް ފުރުއްވާފައެވެ. އޭނާގެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކަށް ފަރުވާ ދިނުމާއި، ވަޅުތަކަށް ކްލޮރިން އެޅުމާއި، ބޯފެން ޓެސްޓުކުރުމާއި، ކޮލެރާ ވެކްސިން ދިނުން ފަދަ ޕަބްލިކް ހެލްތު މަސައްކަތްތައް ހިމެނެއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ ކަންނެލީގެ ފެންވަރު ބެލުމާއި، ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުން ފަދަ މަސައްކަތްތައްވެސް އޭނާ ކުރައްވާފައިވެއެވެ.

މަރުހޫމް އަބްދުލްކަރީމް އާދަމްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement