
ޢިލްމީ ދިރާސާއެއް ނެތި ކައުންސިލަރުންގެ އަދަދު މަދުކޮށް މާލީ ބާރުވެރިކަން ނަގާވާހަކަ ދައްކާތީ އައްޑޫ ސިޓީ ކައުންސިލްގެ ކަންބޮޑުވުން
ޢިލްމީ ދިރާސާއެއް ނެތި ކައުންސިލަރުންގެ އަދަދު މަދުކޮށް މާލީ ބާރުވެރިކަން ނަގާވާހަކަ ދައްކާތީ އައްޑޫ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ލާމަރުކަޒީ ޤާނޫނު ހިންގުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަދައްކަވަމުން މަޖިލިހުގެ މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަތަކަށްވެސް އިޝާރާތް ކުރައްވާ އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިލްމީ ދިރާސާއެއް ނެތި ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް މާލީ ބާރުވެރިކަން ނަގާވާހަކަ ދައްކާތީ ކަންބޮޑުވާ ކަމަށެވެ. 2019 ވަނަ އަހަރު ގެނައި އިސްލާތުތަކާއެކު ކައުންސިލްތަކަށް ބާރުވެރިކަމެއް ލިބި މަސައްކަތްތަކެއް ކުރެވެން ފެށީ މިދިޔަ ދެތިން އަހަރު ކަމަށް ކައުންސިލް މެމްބަރުން ވިދާޅުވިއެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ރަނގަޅު ކަމަށާއި, ލިބުނު މުއްދަތަށް ބަލާއިރު ކަންކަން ކުރަން ވަގުތު ނަގާކަމަށެވެ. އާމްދަނީ ލިބިގެން އާމްދަނީ ހޯދަމުން ކައުންސިލުން ކުރިއެރުންތަކެއް ހޯދަމުންދާކަމަށް ވިދާޅުވިއެވެ.
ކައުންސިލް މެމްބަރުން ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ ރިކަރަންޓް ޚަރަދަށް ދެވޭ އަދަދެއް ކަމަށެވެ. ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް, މާލީބާރުވެރިކަން ނަގާ ވާހަކަ އަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އެމެމްބަރުން ވިދާޅުވީ އެވާހަކަ ދައްކަނީ ލާމަރުކަޒީ ނިޒާމަށް ނުރުހޭ ބަޔަކު ކަމަށެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒު ކުރައްވަން ދިމާކުރައްވާ ކަމަކީ ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ މަސައްކަތް ކަމަށްވެސް އެމެމްބަރުން ވިދާޅުވިއެވެ. ނަމަވެސް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރައްވާ ކަމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވިދާޅުވަނީ ކައުންސިލްތައް ހަރުދަނާކުރުމުގެ ބަދަލުގައި މިސަރުކާރުން ކުރާ މަސައްކަތަކީ ނިޒާމް ފުނޑާލުމުގެ މަސައްކަތް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި ހުރިހާ ކައުންސިލްތަކުން ތެދުވެ ބަސްބުނަން ޖެހޭ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމްގެ ބާރު ހަނިވުމަކީ ރައްޔިތުންގެ ބާރު ހަނިވުން." ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.
ރިއެކްޝަންސް






