ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރަނީ
ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާތީ އެކޯޓުގެ ޝަރީއަތްތައްވެސް ވަރަށް ބޮޑަށް ލަސްވަމުން އަންނަ ކަމަށް ކޯޓުން ވަނީ މީގެ ކުރިން ހާމަކުރައްވާފަ.
މާލޭގައި ހިންގަމުން އަންނަ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއެޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހޯމް ސެކްޓަރ ޕްރެސް ކޮންފަރެންސްގައި "ވާނުވާ" ބަންދާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވައި ވާހަކަ ދައްވަމުން މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ ވާނުވާ ބަންދާ ގުޅޭ ގޮތުން ދެކަމެއް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުގައި ޝަރީޢަތްތައް ލަސްވާ މައްސަލައެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ބެއްލި ބެއްލެވުމުން އެނގިފައިވަނީ ޝަރީޢަތްތައް ލަސްވަނީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ކަމަށާއި އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ މިހާރުވެސް ބޭނުންކުރެވެނީ އެންމެ ކޯޓު ރޫމެއް ކަމަށް މިނިސްޓަރ އިހުސާނު ވިދާޅުވިއެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ކުރިން ހުޅުމާލޭގައި ބޭނުންކުރި އިމާރާތް ރައީސުލްޖުމްހޫރުއްޔާގެ ޚާއްސަ ހުއްދައެއްގެ ދަށުން ކްރިމަނަލް ކޯޓުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ ރަމަޟާން މަހުގެ ކުރިން ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުޅުމާލޭގައި ހުރި އިމާރާތަށް ބަދަލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުން ކުރުން ރައްކާތެރި ތަނެއް ނޫންކަން އެކޯޓުން މީގެ ކުރިން ތަކުރާކޮށް އަންނަނީ ހާމަކުރަމުންނެވެ.
ރިއެކްޝަންސް