
ހައްޖަށް މީހުން ގެންދިއުމުގެ އަގު މިދައުރުގެ ތެރޭގައި ކުޑަވާނެ- މިނިސްޓަރ ޝަހީމް
ހައްޖަށް މީހުން ގެންދިއުމުގެ އަގު މިދައުރުގެ ތެރޭގައި ކުޑަވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ އަހާ ފޯރަމްގައި ރޭ ރައްޔިތަކު އެކަމުގެ މައުލޫމާތު ހޯދުމަށް ވީޑިއޯ އިންޓަރވިއު މެދުވެރިކޮށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ހައްޖަށް މީހުން ގެންދިއުމުގެ ނިޒާމް ހަރުދަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އަދި އެއީ ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ހައްޖަށް މީހުން ގެންދިއުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތަސައްވުރެއް ކަނޑައަޅުއްވައިގެން އޭގެދަށުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަން ނިމި ތަންފީޒުވާން ފަށާނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކުވެސް ޔަގީންކަން ދެއްވީ އެކަން ހާސިލްވާނެ ކަމަށެވެ. ރައީސް މުއިއްޒުގެ މިވެރިކަމުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
" ހައްޖަށް މީހުން ގެއްދިއުމުގެ އަގު ކުޑަކުރުމުގެ ތަސައްވަރެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ އެކުލަވާލާފައި. އޭގެ މައްޗަށް މަސައްކަތް ކުރަމުން އެބަދޭ. އިރާދަކުރެއްވިއްޔާ އެއުއްމީދު ހާސިލްވާނެ." ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރުމަށް އެހެން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ މިހާރު ދެނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.
ރިއެކްޝަންސް






