
މިފަހަރު ތަރާވީސް ނަމާދަށް ދާންވީ އިސްލާމީ މަރުކަޒަށް: ހުސް ޒުވާން އިމާމުން
މިފަހަރު ރޯދަމަހު އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރާނީ ޒުވާން އިމާމުންގެ ޓީމަކުން
މާލޭ ސިޓީގެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަ މަހު ތަރާވީސް ނަމާދު އިމާމުވެ ކުރާނެ ފަރާތްތައް ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރު އިސްލާމީ މަރުކަޒުގައި ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ޒުވާން ހަތީބުންގެ ޓީމަކުން ކަމަށެވެ.
އެގޮތުން އެ ޓީމުގައި ހިމެނެނީ:
- މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފް
- އަލްޙާފިޒް ޢުވައިސް ބިން އިނާޒް
- އަލްޙާފިޒް ޚިޟްރު ބިން ޢިމާދު
- އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް (ފަހު ދިހައިގައި)
މިނިސްޓަރު ވިދާޅުވީ ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ ސަލްމާން މުޙައްމަދު ލަޠީފާއި ސުލްޠާން މުޙައްމަދު ލަތީފް ކަމަށެވެ.
ސަލްމާނާއި ސުލްތާނަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފްގެ ދެ ދަރިކަލުންނެވެ. ސުލްތާނަކީ މަދީނާގައި ކިޔަވާ ދަރިވަރެކެވެ. މިދިޔަ އަހަރުވެސް މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރީ ސުލްތާނާއި ސަލްމާނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން" ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
ރިއެކްޝަންސް






