ކައުންސިލްގެ ފައިސާއިން ފުވައްމުލަކު ސިޓީގެ މޭޔަރާއި ބައެއް ކައުންސިލަރުން ކެމްޕެއިން ކުރަނީ
މި މައްސަލަ އޭސީސީއަށް ވެއްދުމަށް ފުވައްމުލަކުގެ ރައްޔިތަކު އަންނަނީ މަސައްކަތް ކުރަމުން
މަޝްވަރާ ބައްދަލުވުން ތަކުގެ ނަމުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އިސްކޮށް ހުންނަވައި ކައުންސިލްގެ ފައިސާ ޚަރަދުކޮށްގެން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފަށްޓަވައިފިއެވެ.
އަންނަ އަހަރަށް ކައުންސިލްގެ މަސައްކަތު ތާވަލު އެކުލަވާލުމަށްޓަކައި ކަމަށް ބުނެ މޭޔަރު އިސްމާއިލް ރަފީގާ ބައެއް އެހެން ކައުންސިލަރުން ވަނީ ފުވައްމުލަކުގެ ބައެއް ރެސްޓޯރެންޓް ތަކުގައި ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލު ކުރުމުގެ ނަމުގައި ކައުންސިލް އިންތިޚާބުގައި ވޯޓު ހޯދުމުގެ މަސައްކަތް މޭޔަރު އިސްމާއިލް ރަފީގާއި އެމް.ޑީ.ޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ބައެއް ކައުންސިލަރުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
ސިޓީ ކައުންސިލްގެ މީޑިއާއިން ހާމަ ކޮށްފައިވާ ގޮތުގައި މިއީ އަންނަ އަހަރުގެ މަސައްކަތު ތާވަލު އެކުލަވާލުމަށްޓަކައި ސިޓީ ކައުންސިލުން ސިލްސިލާކޮށް ކުރިއަށްގެންދާނެ ބައްދަލުވުން ތަކެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މި އަމަލަކީ މަގާމާއި ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މޭޔަރު އިސްވެ ހުންނަވައިގެން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފުވައްމުލަކުގެ ރައްޔިތުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ފަހަކަށް އައިސް ފުވައްމުލަކު ސިޓީ ކައުންސިލުން ހިންގަމުން އަންނަ މިފަދަ ގިނަ ކަންކަމުގައި އެކައުންސިލަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރިމަތިވެފައެވެ.
އަމާޒް މީޑިއާއާ ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ބުނީ އެމް.ޑީ.ޕީގެ މެޖޯރިޓީ އޮންނަ ފުވައްމުލަކު ސިޓީ ކައުންސިލުން ހިންގަމުން އަންނަ މިފަދަ ކޮރަޕްޝަންގެ މައްސަލަތައް އޭ.ސީ.ސީއަށް ވެއްދުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ރިއެކްޝަންސް









