ޗެމްޕިއަންސް ލީގު: ހަނިގޮތަކަށް ސަލާމަތްވެ އާސެނަލްއަށް ޕޮއިންޓެއް, ހީރޯ އަކީ ގޯލްކީޕަރު ރާޔާ
ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު އާސެނަލް އާއި އެޓްލާންޓާ ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރު ވެއްޖެއެވެ. އެޓްލާންޓާގެ އަތްދަށުނުވެ ހަނިގޮތަކަށް އާސެނަލް ސަލާމަތްވިއިރު ގޯލް ކީޕަރު ޑޭވިޑް ރާޔާ ވަނީ ވަރަށް މުހިއްމު ދެ ސޭވްއެއް ކޮށްފައެވެ. އޭގެ ތެރޭގައި 51 ވަނަ މިނިޓްގައި އެޓްލާންޓާއިން ޖެހި ޕެނަލްޓީވެސް ހިމެނެއެވެ.
މެޗުގައި އާސެނަލްއަށް ރަނގަޅު ހަމަލާއެއް ނުއުފެއްދެއެވެ. އަދި މާއެދެވޭ ކުޅުމެއްވެސް ނުކުޅެވެއެވެ. ގޯލެއްޖެހުމާ އެންމެ ކައިރިއަށް ލިބުނު ފުރުޞަތަކީވެސް ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމެކެވެ.
ބުކާޔޯ ސަކާ ނަގައިދިން ހިލޭޖެހުން އެޓްލާންޓާގެ ކީޕަރު މަރކޯ ކާނެސެޗީ ވަނީ ދިފާއުކޮށްފައެވެ. ފަހު ހާފުގައި ގެބްރިއެލް މާޓިނެއްލީ އަށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ހުރަސްދަނޑިމަތިން ވަނީ ބޭރުވެފައެވެ.
އެޓްލާންޓާގެ ޕެނަލްޓީ އަކީ އާސެނަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ތޯމަސް ޕާޓޭ އެންޑަސަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ނަމަވެސް މަޓެއޯ ރެޓެގުއީ ޖެހި ޕެނަލްޓީ ކީޕަރު ރާޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
"މިއީ ވަރަށް އުނދަގޫ މެޗެއް. އެކަމަކު އަހަންނަށް ހީވަނީ އަހަރެމެންނާއެކު ކުޅެން އެމީހުންނަށްވެސް ވަކި ފަސޭހައެއް ނުވިހެން. އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވުނީސް. އެކަމަކު ބަލިވުމަށްވުރެ ޕޮއިންޓެން ލިބުންވެސް މީ ބޮޑުވަރެއް" މެޗު ނިމުމަށްފަހު ރާޔާ އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
މިއީ ތާރިޚްގައިވެސް އާސެނަލް އާއި އެޓްލާންޓާ އެއްޓީމު އަނެއްޓީމާ ވާދަކުރި ފުރަތަމަ މެޗެވެ. މުޅިން އާފޯމެޓެއްގައި މިފަހަރު ޗެމްޕިއަންސް ލީގު ފެށިއިރު އެޓްލާންޓާ ކޮލިފައި ވެފައިވަނީ ފާއިތުވި ސީޒަންގައި ސެރީ އޭ ގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ. އެޓްލާންޓާއިން ވަނީ މީގެކުރިން ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.
ރިއެކްޝަންސް