ޕްރިމިއަރ ލީގު: ޔުނައިޓަޑަށް ފަސޭހަ މޮޅެއް, 12 ޕޮއިންޓާއެކު ސިޓީ ތާވަލްގެ ކުރީގައި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު 3-0 ން މެންޗެސްޓަރ ޔުނައިޓެޑް އިން ސައުތަމްޕްޓަން ބަލިކޮށްފިއެވެ.
ޔުނައިޓަޑްގެ ފުރަތަމަ ގޯލް މެޗުގެ 35 ވަނަ މިނިޓްގައި ޖެހީ މިސީޒަންގައި ކްލަބާ ގުޅުނު މަތައިސް ޑެ ލިޓް އެވެ. ދެވަނަ ގޯލް 41 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަލެހަންޑްރޯ ގަނާޗޯ އެވެ. މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ގަނާޗޯ މި ގޯލް ކާމިޔާބުކޮށްދިނީ ޑެލޮޓް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ސައުތަމްޕްޓަން އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކެމަރޮން އާޗަރ ފޮނުވާލި ޕެނަލްޓީ ކީޕަރު އަންދްރޭ އޮނާނާ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. ޖެހިގެން އައި މިނިޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ޖެހިގެހިގެން 2 މެޗުން ބަލިވެ މެޗަށް ނިކުންއިރު ތާވަލް 14 ވަނަގައި ޔުނައިޓެޑް ފަށަންޖެހުނީ ވަރަށް ބޮޑު ޕްރެޝަރަކާއެކުއެވެ. ނަމަވެސް ފުރަތަމަ ހާފުގައި 2 ގޯލްޖަހާ ލީޑް ނެގުމާއިއެކު ޔުނައިޓަޑުން ކުޅެމުންދިޔައީ ވަރަށް ހަމަޖެހިގެންނެވެ.
ސައުތަމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗްގެ 79 ވަނަ މިނިޓުން ފެށިގެން އެޓީމު ކުޅެމުންދިޔައީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ގަނާޗޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑިފެންޑަރު ޖެކް ސްޓެފަންސް އަށް ރަތްކާޑެއް ދެއްކުމާ ގުޅިގެންނެވެ.
ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު, އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާރ ސިޓީން ވަނީ 2-1 ން ބެރެންޓްފޯޑް ބަލިކޮށްފައެވެ. އާލިންގ ހާލަންޑް ކާމިޔާބު ކުރި ދެގޯލާއި އެކު ސިޓީ ވަނީ ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާ 12 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަމަޖެހިލާފައެވެ.
މެޗުގައި ބްރެންޓްފޯޑުގެ ހަމައެކަނި ގޯލް ޔޯނޭ ވިއްސާ ޖަހައިދިނީ މެޗް ފެށިގެން އެންމެ 22 ވަނަ ސިކުންތުގައެވެ. ނަމަވެސް 19 ވަނަ މިނިޓްގައި ގޯލްޖަހާ ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ސިޓީގެ ދެވަނަ ގޯލް, ކީޕަރު އެންޑަސަން ނަގައިދިން ބޯޅަ ޑިފެންޑަރު އީތަން ޕިނޮކް ކައިރިން ނައްޓާފައިގޮސް މެޗުގެ 32 ވަނަ މިނިޓްގައި ޖަހައިދިނީވެސް ހާލަންޑެވެ. މިއީ މިސީޒަންގައި ހާލަންޑްގެ ނުވަ ވަނަ ގޯލެވެ. އަދި އޭނާ ސިޓީއަށް ކާމިޔާބުކޮށްދިން 99 ވަނަ ގޯލެވެ. ސިޓީން ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ހާލަންޑް ވަނީ ހެޓްރިކް ހަދާފައެވެ.
މެޗުގައި އިތުރު ގޯލެއްޖަހާނެ ގިނަ ފުރުޞަތުތަކެއް ހާލަންޑަށް ލިބުނެވެ. ނަމަވެސް ހެޓްރިކް ހަދާ ފާއިތުވި 78 އަހަރު ތެރޭގައި މޭޖާ ލީގެއްގައި ޖެހިޖެހިގެން ތިން ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކުރުމަށް ލިބުނު ފުރުޞަތުތައް ވަނީ ގެއްލިފައެވެ.
ހާލަންޑް ރެކޯޑެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން ދިޔައިރު އޭނާގެ ބައްޕަ އަލްފީ މެޗު ބަލަން ދަނޑުގައި އިނެވެ.
ހޮނިހިރު ދުވަހު ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ލިވަޕޫލް އާއި ނޮޓިންގހަމް ފޮރެސްޓް ބައްދަލު ކުރި މެޗު 0-1 ން ކާމިޔާނު ކުރީ ނޮޓިންގހަމް ފޮރެސްޓެވެ. ފުލަމް އާއި ވެސްޓްހެމް ޔުނައިޓަޑް ގެ މެޗު 1-1 ން އެއްވަރު ވީއިރު ބްރައިޓަން އާއި އިޕްސްވިޗް ޓައުން ބައްދަލުކުރިމެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ކްރިސްޓަލްޕެލަސް އާއި ލެސްޓާ ސިޓީ ކުޅުނު މެޗުވެސް ވަނީ 2-2 ން އެއްވަރުވެފައެވެ.
ރިއެކްޝަންސް