41 އަހަރަށްފަހު އެސްޓަން ވިލާ އެނބުރި ޗެމްޕިއަންސް ލީގަށް, ފުރަތަމަ މޮޅާއެކު ކޯޗު އެމްރީގެ ހުވަފެން ހަޤީގަތަކަށް
41 އަހަރު ފަހުން އެސްޓަންވިލާ އިން ޔުއެފާ ޗެމްޕިއަންސް ލީގަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. އަންގާރަ ދުވަހު ކުޅުނު މެޗުގައި އެސްޓަންވިލާ ބައްދަލުކުރީ ސްވިޒަލޭންޑްގެ ސުޕަލީގުގެ ބާރަ ވަނައިގައި އޮތް ޔަންގު ބޯއީސް އާއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މެޗު ފެށުމުގެ ކުރިން އެސްޓާން ވިލާއިން ވަނީ އެ ކްލަބްގެ ކުރީގެ ލެޖެންޑް، އިނގިރޭސި ވިލާތުގެ ގެރީ ޝޯވ އަށް ޓްރިބިއުޓެއް ދީފައެވެ. ގެރީ ނިޔާވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ކްލަބުން ވަނީ 1982 ގައި އެކްލަބަށް ކުޅުނު ގެރީ ފަޚުރުވެރިވާނެ ފަދަ ނަތީޖާއެއް ދައްކާ 3-0 ން ޔަންގް ބޯއީސް ބަލިކޮށްފައެވެ.
އެސްޓަން ވިލާގެ ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނިޓްގައި ޖޯން މެކްގިން ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުންއަންނަ ޔޯރީ ޓިއެލެމަންސްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަންވިލާއިން އެޓީމުގެ ދެވަނަ ގޯލްވެސް ކާމިޔާބު ކުރިއެވެ. 38 ވަނަ މިނިޓްގައި އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުޞަތުގައި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖޭކޮބް ރަމްސޭއެވެ.
އެސްޓަންވިލާގެ ކޯޗު، އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން މޮޅުވި ގޯލް، މެޗު ނިމެންދަނިކޮށް ކާމިޔާބު ކޮށްދިނީ އަމަޑޫ އޮނާނާއެވެ. 86 ވަނަ މިނިޓްގައި މިގޯލް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވީ ފުރަތަމަ ޖޯލް ޖެހި ޓިއެލެމަންސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވަޓްކިންސް، އަދި ދެވަނަ ހާފުގައި ޖޯން ޑުރާން އިތުރު ދެގޯލް ޖެހިނަމަވެސް ވީއޭއާރުން ވަނީ އެ ގޯލްތައް ބަލައިނުގަންނަށް ނިންމާފައެވެ.
އެސްޓަންވިލާގެ މި ކާމިޔާބީއަކީ އެމްރީގެ ކޯޗުކަމުގެ ދަށުން ކްލަބުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން އަންގައިދޭ ކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މެޗަށްފަހު ބީބީސީއަށް ދިން އިންޓަވިއުއެއްގައި އެސްޓަންވިލާގެ ކުރީގެ ޑިފެންޑަރު ސްޓެފަން ވާނޮކް ވަނީ އެމްރީއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ.
ލީގުގައި އެސްޓަންވިލާ އަންނަ މަހު ޖަރުމަނުގެ ކާމިޔާބު ކްލަބް ބަޔާން މިއުނިކާ ވާދާކުރާނެއެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅޭ މިމެޗަކީ 1982 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކާމިޔާބީ ތަކުރާރުކުރަން ވިލާއަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ.
ރިއެކްޝަންސް