ލަލީގާ: ޑެނީ އޮލްމޯގެ ދެ ގޯލާއެކު އެސްޕަންޔޯލް އަތުންވެސް މޮޅުވެ ބާސެލޯނާ ބޮޑު ލީޑެއްގައި
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު އެސްޕަނިޔޯލްވެސް ބަލިކޮށް ތާވަލްގެ އެއްވަނާގައި ބާސެލާނާ އިން ބޮޑު ލީޑެއް ނަގައިފި އެވެ. އެސްޕަންޔޯލްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 3-1 ނެވެ. މިމޮޅާއެކު ބާސެލޯނާއިން ވަނީ ތާވަލްގެ އެއްވަނައިގައި 9 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
މެޗުގައި ބާސެލޯނާގެ ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. 12 ވަނަ މިނިޓްގައި ބާސެލޯނާއަށް ލީޑް ނަގައިދިނީ ލަމީން ޔަމާލްގެ ހުރަހަކުން ބާސެލޯނާއާ މިސީޒަންގައި ގުޅުނު ސްޕެއިންގެ ޑެނީ އޮލްމޯއެވެ. ދެވަނަ ގޯލް 23 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަފީނިއާ އެވެ. ގޯލްޖަހަން އޭނާއަށް އެހީތެރިވީ މާކް ކަސާޑާއެވެ. ބާސެލޯނާގެ އިންވަނަ ގޯލް 31 ވަނަ މިނިޓްގައި ކާމިޔާބުކުރީވެސް ޑެނީ އޮލްމޯއެވެ. ރަފީނިއާ ހޯދައިދިން ބޯޅައެއް ހިފައިގެން ގޮސް ކީޕަރު ކައިރިން ނައްޓާ އޮލްމޯގެ ކަނައަތުފައިން ގޯލަށް ފޮނުވާލީ ގޯލްއޭރިއާގެވެސް ބޭރުންނެވެ.
މެޗުގެ 58 ވަނަ މިނިޓްގައި އެސަޕަންޔޯލްއިން ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ވަނީ ގޯލް ބަލައި ނުގެންފައެވެ. ނަމަވެސް 63 ވަނަ މިނިޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށް އެސްޕަންޔޯލްއިން ވަނީ ސުން ކަނޑުވާލާ, ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެސްޕަންޔޯލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަލްވާރީ ތެޖޭރޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ހާވީ ޕައޫޑޯ އެވެ.
ވާދަވެރި ރެއަލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ 33 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައި ބާސެލޯނާ މިވަގުތު އޮތީ އެއްވެސް ހާސްކަމެއް ނެތިއެވެ. މިސީޒންގެ ފުރަތަމަ އެލް- ކްލެސިކޯގައި ބާސެލޯނާއިން ރިއަލް މެޑްރިޑް 4-0 ބަލިކޮށްފައި ވަނީވެސް ރެއަލްގެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައެވެ.
ރިއެކްޝަންސް