
ޑޯޓްމަންޑް ބަލިކޮށް, ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ ފަހު ޖާގަ ރެއާލް މެޑްރިޑަށް
ސެމީގައި އެމްބާޕޭ ފީއެސްޖީ ދޫކޮށްލިފަހުން ފުރަތަމަ ފަހަރަށް ޕީއެސްޖީއާ ދެކޮޅަށް ނިކުންނާނެ
ފީފާ ކްލަބް ވޯލްޑްކަޕްގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 3-2 ން ބަލިކޮށް, ރެއާލް މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. އިތުރު ވަގުތުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބޮރޫޝިއާގެ ދެ ގޯލްވެސް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށްފަހު އިތުރަށް ލިބުނު ވަގުތުގައެވެ.
އެމެރިކާގެ ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ގޮންޒާލޯ ގާސިއާއެވެ. މެޗުގެ 10 ވަނަ މިނިޓްގައި ލީޑް ނަގަން އެހީތެރިވީ މެދުތެރެއަށްކުޅޭ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާއެވެ. ގުލާ ވަނީ ރެއާލްގެ ފަހު ގޯލް ޖެހުމުގައި ވެސް އެހީތެރިވެފައެވެ.
ރެއާލަށް އޭގެ 10 މިނިޓްފަހުން ޑިފެންޑަރު ފްރޭން ގާސިއާ ލީޑު ފުޅާކޮށްދިނީ އެޓީމާ އެންމެ ފަހުން ގުޅުން ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-0 ން ރެއާލް ކުރީގައި އޮވެއެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ބޮރޫޝިއާގެ މެކްސިމިލިއަން ބެއިއާ ކާމިޔާބުކުރި ގޯލާއެކު ނަތީޖާ 2-1ށް ބަދަލުކޮށްލިއެވެ.
މެޗުގެ އޮއިވަރު ކުއްލިއަކަށް ބަދަލުވި ނަމަވެސް 67 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ކީލިއަން އެމްބާޕޭ ގޯލްގެ ވައަތްފަރާތު ތިރީކަނަށް ފޮނުވާލި ބޯޅައާއެކު ކާމިޔާބުކުރި ގޯލާއެކު އަނެއްކާވެސް 3-1 ށް ނަތީޖާ ބަދަލުކޮށްލިއެވެ.
މެޗު ނިމެން ދަނިކޮށް ހިނގި ހަމަނުޖެހުމުގައި ރެއާލްގެ ޑީން ހުއިސެން އަށް ރަތްކާޑެއް ދައްކާފައިވާއިރު, އެމްބާޕޭއަށްްވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ޑޯޓްމަންޑުން ނަތީޖާގެ ފަރަގު ކުޑަކުރީ މެޗު ނިމުމުގެ މިނިޓެއްކުރިން ލިބުނު ޕެނަލްޓީ ސާހޮއު ގުއިރަސީ ކާމިޔާކޮށްގެންނެވެ.
ރިއެކްޝަންސް






