ސެމީގައި އޭދަފުށްޓާއި މާލެ ސިޓީ
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ސެމީފައިނަލްގައި އޭދަފުށްޓާއި މާލެ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.
އޭދަފުށި ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި 5-0 ން ނައިފަރު ބަލިކޮށްގެންނެވެ. މެޗުގެ 4 ވަނަ މިނިޓްގައި އޭދަފުށްޓަށް ކުރި ލިބުނީ ނައިފަރުގެ އިބްރާހީމް ވިޝާން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ލަނޑު ޖެހީ މިއަދު ފުރަތަމަ އެގާރައިގަ ނިކުއިން އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ލަނޑު ޖެހީ އޭނާގެ ބޭބެ މުޙައްމަދު ފާސިރު (ފާއްޓޭ) ކުރިއަށް ދިން ބޯޅަ އަކުންނެވެ. ފުރަތަމަ ހާފްގައި އޭދަފުށީގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު އައިހަމް އެވެ. ދެވަނަ ހާފްގައި ހަތަރު ވަނަ ލަނޑު ޖެހީ މުހައްމަދު ފާސިރު އެވެ. ފަހު ލަނޑު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.
މެޗަށް އޭދަފުށި ނިކުތީ ގައުމީ ޓީމާއި މާޒިޔާއަށް ކުޅެމުން އަންނަ އެރަށުގެ ސެންޓޭ އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހައިސަމް ހަސަން (ބިޑި) ވެސް ހިމަނައިގެންނެވެ. ކްއާޓާ މެޗާ ހަމައަށް އެކުޅުންތެރިންގެ ބޭނުން ނުކުރެވުނީ މާޒިޔާއިން ރިލީޒް ނުދިނުމުންނެވެ. މާޒިޔާއިން ދިޔައީ ޕްރެކްޓިސް ކުރަމުންނެވެ. ސީޒަން ފަށާނެ ދުވަހެއް ނޭންގޭތީ މާޒިޔާގެ ޕްރެކްޓިސް މެދުކަނޑާލުމަށްފަހު ގޯލްޑްކަޕްގެ ބާކީ ހުރި މެޗުތަކަށް މާޒިޔާއިން ވަނީ ކުޅުންތެރިންނަށް ރިލީޒް ދީފައެވެ.
ސެމީފައިނަލުން މާލެ ސިޓީ ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކ.ގުރައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި މާލެ ސިޓީ ކުރި ހޯދީ 4-2 ނެވެ. މާލެ ސިޓީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއް ޕެނަލްޓީ ގުރައިދޫ ކީޕަރު މަތަކުރި އެވެ. ގުރައިދޫން ޖެހި ހަޔަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކީޕަރު ތޮލާލް (ޓޮޕްލަކް) މަތަކުރިއެވެ.
އޭދަފުށްޓާއި މާލެ ސިޓީ ވަނީ ގްރޫޕް ސްޓޭޖްގައިވެސް ވާދަކޮށްފައެވެ. އެމެޗު ކާމިޔާބުކުރީ އޭދަފުށްޓެވެ.
ރިއެކްޝަންސް