ބަޔާން މިއުނިކް އަށް ރެކޯޑެއް, ހެރީ ކޭން އަށްވެސް ގިނަ ރެކޯޑުތަކެއް
ހެރީކޭން ޕެނަލްޓީން ހެޓްރިކް ހެދި: ފޮޓޯ-ބަޔާން

ބަޔާން މިއުނިކް އަށް ރެކޯޑެއް, ހެރީ ކޭން އަށްވެސް ގިނަ ރެކޯޑުތަކެއް

1 day ago - 10:48
Sep 18, 2024 - 10:48

ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައި ޑިނާމޯ ޒަގްރެބްއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ބަޔާނުން 9-2 ން ޒަގްރެބް ބަލިކޮށްފިއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރިޚްގައިވެސް ޓީމަކުން މެޗެއްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑެކެވެ. ޒަގްރެބް އަކީ ކްރޮއޭޝިއާގެ ކްލަބެކެވެ.

މެޗުގައި ހެރީ ކޭން ވަނީ ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ. މިއާއެކު ޖުމްލަ 33 ގޯލާއެކު އިނގިރޭސި ކުޅުންތެރިއަކު މުބާރާތެއްގައި އެންމެ ގިނަ ގޯލްޖެހުމުގެ ރެކޯޑް ވަނީ ކޭން މުގުރާލާފައެވެ. ޖުމްލަ 30 ގޯލާއެކު ކުރިން މި ރެކޯޑް އޮންނަނީ އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީގެ އަތުގައެވެ.

މެޗުގައި ކޭން ކާމިޔާބު ކޮށްދިން ހަތަރު ގޯލްގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީން ކާމިޔާބު ކުރި ގޯލްތަކެވެ. ބަޔާންގެ ފުރަތަމަ ގޯލަކީވެސް 19 ވަނަ މިނިޓްގައި ޕެނަލްޓީން ކޭން ކާމިޔާބުކޮށްދިން ގޯލެކެވެ. 

މެޗުގައި ބަޔާންގެ އިތުރު ގޯލްތައް ޖަހައިދިނީ 33 ވަނަ މިނިޓްގައި ރަފެއިލް ގެރީރޯ, 38 އަދި 61 ވަނަ މިނިޓްގައި މައިކަލް އޮލިސީ, 85 ވަނަ މިނިޓްގައި އޮލިސީގެ ބަދަލުގައި ކުޅެން ނިކުން ލޮރޭ ސާނޭ، އަދި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ގޮރެޒްކާ އެވެ. ގޮރެޒްކާ 81 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތީ ގެރީރޯގެ ބަދަލުގައެވެ. 

Advertisement

ބަޔާނުގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމުން މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ނަމަވެސް، ޒަގްރެބްއިންވެސް ވަނީ ހަމަލާތައް އުފެއްދޭތޯ މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަހު ހާފުގައި އެޓީމުން ވަނީ ދެ މިނިޓްގެ ތެރޭގައި ބަޔާންގެ ގޯލް ފޫއަޅުވާލާ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ޒަގްރެބްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ބުރޫނޯ ޕެޓްކޮވިކް އަދި ޓަކޫޔާ އޮގިވާރާއެވެ.

މެޗުގައި 31 އަހަރުގެ އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ރެކޯޑްތަކެއްވެސް ޤާއިމްކޮށްފައެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގުގެ މެޗެއްގައި ހަތަރު ގޯލްޖެހި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑާއި, ޕެނަލްޓީން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ވެސް ހިމެނެއެވެ.

ކޭން ބަޔާނަށް ޖަހައިދިން 50، 51 އަދި 52 ވަނަ ގޯލްވެސް ޖަހައިދީފައިވަނީ އޭނާ ބަޔާނަށް ކުޅެދިން 50 ވަނަ މެޗުގައެވެ. މިއީ ކޭންގެ 24 ވަނަ ހެޓްރިކެވެ. 

ގިނަ ގޯލްތަކަކާއެކު ގިނަ ރެކޯޑްތަކެއްވެސް ފެނިގެންދިޔަ މި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުން ތޯމަސް މުލާވެސް ވަނީ ރެކޯޑެއް މުގުރާލާފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ބަޔާނަށް އަށް ކުޅެދިން 152 ވަނަ މެޗާއެކު އެއް ކުލަބަކަށް އެންމެ ގިނަ މެޗު ކުޅެދިންކަމުގެ ރެކޯޑެވެ. މިރެކޯޑް ކުރިން އޮންނަނީ ބާސެލޯނާ ގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އަތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow