
ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކޮށް 'ޓްރެބަލް' ހާސިލްކުރުމާ ގާތަށް!
ފްރެންޗް ކަޕްގައި ރޭ 3-0 ން ރެއިމްސް ބަލިކޮށް, މި ސީޒަނުގައި 'ޓްރެބަލް' ހާސިލްކުރަން މެޗަކާ ގާތަށް ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ޖެހިލައިފިއެވެ. އެޕްރީލް މަސް ނިމެންދަނިކޮށް ޕީއެސްޖީން ވަނީ ފްރެންޗް ލީގު ކަށަވަރުކޮށްފައެވެ. ފްރާންސްގެ ދެވަނަ ތަށި ރޭ އުފުލާލީ ރެއިމް ބަލިކުރި މެޗަށްފަހުއެވެ.
މިހާތަނަށް ޑޮމެސްޓިކް ލީގާއި, ޑޮމެސްޓިކް ކަޕް އަދި ޔޫރަޕިއަން ކަޕްގެ ޓްރެބަލް ހާސިލްކޮށްފައިވަނީ 10 ކްލަބެކެވެ. މިއުނިކްގައި ހޮނިހިރު ދުވަހު އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު ޕީސްޖީއަށް ވެސް 'ޓްރެބަލް' ހާސިލްކުރާ 11 ވަނަ ކްލަބްގެ ޝަރަފު ހޯދިދާނެއެވެ.
ރޭގެ މެޗުގައި ޕީސްއެސްޖީގެ ބްރެޑްލީ ބާކޯލާ ވަނީ ތިން މިނިޓްގެ ތެރޭގައި ދެ ގޯލް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ގޯލް މެޗުގެ 16 ވަނަ މިނިޓްގައި ކާމިޔާބުކުރީ ގޯލްގެ ތިރީކަނަށް ބޯޅަ ފޮނުވާލި ހިތްގައިމު ބޯޅައާއެކުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ 3-0 ށް ބަދަލުކޮށްލީ އަޝްރަފް ހަކީމީއެވެ.
މެޗު އެއްކޮށްހެން ބޯޅަ ހިފަހައްޓައިގެން ޕީއެސްޖީން ކުޅުނު މެޗުގެ ދެވަނަ ހާފުގައި އޮސްމާން ޑެމްބެލޭއަށް ވެސް ގޯލްޖަހާނެ ރަނގަޅު ދެތިން ފުރުޞަތެއް ލިބުނެވެ. ނަމަވެސް ގޯލަކަށް ބަދަލުކޮށްލުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.
ހޮނިހިރު ދުވަހު އޮންނަ ޗެމްޕިއަންސް ލީގު ޕީއެސްޖީން ކާމިޔާބުކޮށްފި ނަމަ ދެ ޓްރެބަލް ދެފަހަރު ހާސިލްކުރާ ދެވަނަ ކޯޗަކަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ވާނެއެވެ. އެންރީކޭ މީގެ ކުރިން 2015 ގައި ބާސެލޯނާއާއެކު ވަނީ ޓްރެބަލް ހާސިލްކޮށްފައެވެ.
މިހާތަނަށް ދެ ފަހަރު ޓްރެބަލް ހާސިކޮށްފައިވާ ހަމައެކަނި ކޯޗަކީ ޕެޕް ގާޑިއޯލާއެވެ. 2009 ގައި ބާސެލޯނާ އަދި 2023 ގައި މެންޗެސްޓަރ ސިޓީއާއެކުއެވެ.
ރިއެކްޝަންސް






