އައްބާސް ޝަރީފަށް ކޮމިޓީގެ ރުހުން ދީފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އައްބާސް ޝަރީފަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފި އެވެ.
ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންކަމަށް ކޮމިޓީން ފާސްކުރީ މިއަދު އޭނާއާ އިންޓަވިއުވެސް ކުރެއްވުމަށްފަހު އެވެ. ކޮމިޓީން ވަނީ އައބާސް ޝަރީފަށް %93.91 މާރކްސް ދީފައެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވެނީ %85 ލިބިގެންނެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މަޖިލިހަށް ފޮނުއްވީ އައްބާސް ޝަރީފްގެ ނަން އެކަންޏެވެ. އެކަމަކު ކުރިމަތިލެއްވި އެހެން ބޭފުޅުންގެ މައުލޫމާތުވެސް މަޖިލިހާ ހިއްސާކުރެއްވިއެވެ.
އައްބާސްގެ ނަން ދިރާސާ ކުރެއްވުމަށް މަޖިލިހުގެ ރައީސް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވީ ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ. މިއަދުގެ ޖަލްސާއާއެކު ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
ޖުޑިޝަރީ ކޮމިޓީން އައްބާސް ޝަރީފްގެ ނަން ފާސްކުރުމަށް އެމްޑީޕީ މެމްބަރުންވެސް ވޯޓް ދެއްވިއެވެ. އައްބާސް ޝަރީފް މަގާމަށް އައްޔަން ކުރެވޭނީ މަޖިލިހުގެ ތަޅުމުން ފާސްކުރެއްވުމުންނެވެ. މަގާމަށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕީޖީގެ މަގާމް ހުސްވީ ކުރިން އެމަގާމްގައި ހުންނެވި ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ޕީއެންސީގެ މެމްބަރުން ހުށަހަޅުއްވާ ފާސްކުރުމުންނެވެ. ނަމަވެސް އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން ޝަމީމް އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވިއެވެ. އިތުބާރޔ ނެތްކަމުގެ ވޯޓް ނެގީ އިސްތިއުފާ ދެއްވިކަން މަޖިލިހަށް އަންގާފައި ނުވާތީ އެވެ.
އަލްއުސްތާޛު އައްބާސް ޝަރީފް މިވަގުތު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމްގައެވެ. އެއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ރިއެކްޝަންސް