ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ޕީޖީގެ މަގާމަށް ރައީސް އޮފީހުން ވަނީ ހުޅުވާލާފައި: ފޮޓޯ-ރައީސް އޮފީސް

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފުރުޞަތު ހުޅުވާލީ މިމަހުގެ 11 ގެ ނިޔަލަށް

23 days ago - 13:13
Advertisement

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ޕީޖީގެ މަގާމަށް އެދުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ އަންނަ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުގެ  12:00 ގެ ނިޔަލަށެވެ. ފޯމް ބަލައިގަންނަނީ  ސެޕްޓެންބަރު 10 ވަނަ ދުވަހާއި 11 ވަނަ  ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެއޮފީހުން ވިދާޅުވިއެވެ.

ޕީޖީގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ސަރުކާރު ހިންގާ ޕީއެންސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އިސްތިއުފާ ދެއްވުމުންނެވެ. ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލިހަށް އެމައުލޫމާތު ހިއްސާކޮށްފައި ނުވާތީ ވޯޓް ނެގިއެވެ. ރައްޔިތުންގެ މަޖިލިހަށް މައުލޫމާތު ހިއްސާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ 65 މެމްބަރުން ވޯޓް ދެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުން ޕީޖީގެ މަގާމަށް ބޭފުޅަކު ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިންނެވެ. ޤާނޫނުގައި ވާގޮތުން މަގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕީޖީއެއް އައްޔަން ކުރަން ޖެހެއެވެ. ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އެހެންކަމުން އާ ޕީޖީއެއް އައްޔަން ކުރުމަށް މަޖިލިހުގެ ދެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ޖެހެއެވެ, މަޖިލިސް ޗުއްޓީއަށް ދިޔައިރު ރިޔާސަތުން އެކަން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement