އިޒްރާއިލްއަށް އަދަބުދޭން މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ގްރޫޕްތަކުން ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލައިފި
އެއްވެސް ބެލުމެއް ނެތި ފަލަސްތީނުގެ ނޫސްވެރިންން ދަނީ މަރަމުން: ފޮޓޯ-ރޮއިޓަރސް

އިޒްރާއިލްއަށް އަދަބުދޭން މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ގްރޫޕްތަކުން ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލައިފި

120 އަށްވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފައި

21 days ago - 07:26
Aug 27, 2024 - 07:26

މީގެ ކުރިން ދެކެފައި ނުވާފަދަ ދަރަޖައަކަށް އިޒްރާއިލްއިން މީޑިއާގެ ހައްގުތައް ނިގުޅައިގަންނަމުންދާތީވެ, އެކަމާ ގުޅިގެން އިޒްރާއިލް އާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ ހަ ގްރޫޕަކުން އެކުވެ, ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައިފިއެވެ.

މި ގްރޫޕްތައް ގުޅިގެން ސޮއިކޮށް, އީޔޫ އަށް ފޮނުވި ސިޓީގައި ވަނީ އިޒްރާއިލް އިން ހައްދެއްނެތި ނޫސްވެރިން މަރަމުންދާ ކަމަށާއި, މީޑިއާގެ މިނިވަންކަން ނިޢުޅައިގަންނަ ގަތުން ހުއްޓުވުމަށް ނަތީޖާނެރެވޭނެ ފަދަ އަވަސް ނިންމުމެއް އިޒްރާއިލް އާ ދެކޮޅަށް ނެރުމަށް ގޮވާލާފައެވެ. ސިޓީގައި މައިގަނޑުގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އިޒްރާއިލްއިން ޙިޞާރުކޮށްފައިވާ ޣައްޒާ އާއި ހިފާފައިވާ ވެސްޓްބޭންކް ގައި މީޑިއާގެ ފަރާތްތަކަށް އަމާޒުކޮށް އިޒްރާއިލްއިން ހިންގާ އުދުވާނާ ގުޅިގެންނެވެ.

ހޯމަ ދުވަހު އީޔޫއަށް ފޮނުވި ސިޓީގައި އީޔޫ-އިޒްރާއިލް އެސޯސިއޭޝަން އެގްރީމެންޓް ސަސްޕެންޑް ކުރުމަށް ބާރުއަޅާ ގޮވާލާފައި ވެއެވެ. މިކަމުގައި ޒިންމާއުފުލަންޖެހޭ އިޒްރާއިލްގެ ވަކިވަކި އޮފިސަރުންނަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައި ވެއެވެ. މި ސިޓީގައި ސޮއިކޮށްފައިވާ ގްރޫޕްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައި.ޕީ.އައި), ހިއުމަން ރައިޓްސް ވޮޗް, އަދި ފްރީ ޕްރެސް އަންލިމިޓެޑް (އެފް.ޕީ.ޔޫ) ހިމެނެއެވެ.

އީޔޫގެ ހާރިޖީ ސިޔާސަތާބެހޭ އެންމެ މަތީވެރިޔާ, ޖޯސްފް ބޮރެލް އަދި ޔޫރަޕިއަން ކޮމިޝަންގެ އެގްޒެކެޓިވް ނައިބުރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެކަށޭނެ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށްވެސް އެދިފައި ވެއެވެ.

Advertisement

"މިއީ ރޭވިގެން ޣައްޒާ, ވެސްޓްބޭންކް އަދި އިޒާރާއިލްގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ދެކޮޅަށް އިޒްރާއިލްގެ ބާރުތަކުން ހިންގާ ބޮޑު ޖަރީމާއެއް. މިކަންކަން އެބަހުރި ޑޮކިއުމަންޓް ކުރެވިފަ. އިޒްރާއިލް އިން އެއްބަސްވޭ މިކަމަށް. ފަލަސްޠީން އާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގައި ހެކި އެބަހުރި. އދ ގެ ތަޖުރިބާކާރުން އެބަތިބި މި މަންޒަރުތައް ދެކުނު. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އެބަހުރި އެމީހުންނާ މެދު ހައްޔަރުކުރުމުގެ އަމުރު ނެރެފަ" ސިޓިގައި ބުނެފައިވެއެވެ.

"މިވަރުން ފުދޭނެ އިޒްރާއިލް- އީޔޫ އެސޯސިއޭޝަން އެގްރިމެންޓް ސަސްޕެންޑް ކުރުމަށް. އަދި ވަކިވަކި އޮފިސަރުންނާމެދު ފިޔަވަޅު އެޅުމަށްވެސް" ސިޓީގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

ސިޓީގައި އިޒްރާއިލްއަށް އަވަސް ފިޔަވަޅު އެޅުމަށް ބޭނުންވާ އަށް ކަމެއް ފާހަގަކޮށްފައި ވާއިރު އޭގެތެރޭގައި ވަކިމީހަކަށް އަމާޒުކޮށް ނޫސްވެރިން މަރާލާފައިވާ މައްސަލަތަކާއި, ބައެއް މިނިވަން މީޑިއާތައް ޣައްޒާގައި ހަރަކާތްތެރިވުން މަނާކޮށްފައި އޮތްއޮތުން އަދި އެއްވެސް ސަބަބެއްނެތި ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށްފައިވާ ވުން ހިމެނެއެވެ.

7 އޮކްޓޯބަރ 2023 ގެ ފަހުން އިޒްރާއިލްއިން ރާވައިގެން ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީންގެ 120 ށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ މަރާލާފައެވެ. މަދުވެގެން 49 ނޫސްވެރިން އެއްވެސް ސަބަބެއްނެތި އިޒްރާއިލްގެ ހައްޔަރުގައި އެބަތިއްބެވެ. 

ފާއިތުވި ޖުލައި މަހުވެސް އިޒްރާއިލްއިން ވައިގެމަގުން ދިން ހަމަލާއެއްގައި ވަނީ އަލް ޖަޒީރާ އަރަބިކްގެ ނޫސްވެރިޔާ އިސްމާއިލް އަލް ޤައުލް އަދި ކެމެރާމަން ރާމީ އަލް-ރާފީ މަރާލާފައެވެ. އޭރު އެމީހުން ތިބީ ހުޅަނގު ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕް ކައިރީގައި އެމީހުންގެ ކާރުގައެވެ.

ޖެނުއަރީމަހު އިޒްރާއިލްއިން ވަނީ އަލްޖަޒީރާގެ އަރަބިކް ބިއުރޯގެ އިސްވެރިޔާ, ވައެލް ދަދޯހްގެ ދޮށީ ފިރިހެންދަރިފުޅު ޙަމްޒާ ދަދޯޙް ވެސް މަރާލާފައެވެ. ޙަމްޒާއަކީވެސް ނޫސްވެރިއެކެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހު އިޒްރާއިލްއިން ވަނީ ވައެލްގެ އަނބިމީހާ އާއި, 15 އަހަރާއި 7 އަހަރުގެ ދެ އަންހެން ދަރިން އަދި ތުއްތު ކާފަދަރިފުޅުވެސް އެއްހަމަލާއެއްގައި މަރާލާފައެވެ.

ޑިސެމްބަރު މަހު އިޒްރާއިލް އިން ހަމަލާދީ އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިޔާ ސަމީރު ޚާން ޔޫނުސްގައި މަރާލާފައިވާއިރު, އެހަމަލާގައި ދަ ދޯހް ވަނީ ޒަޙަމްވެސްވެފައެވެ. އޭނާ މިހާރުވެސް ދަނީ ޣައްޒާއިން ބޭރުގައި އެކަމަށް ފަރުވާ ހޯދަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow