އެމްއެފްޑީއޭ އަށް ރިޕޯރޓް ކުރަން ޚާއްޞަ ނަމްބަރެއް މިއަދު ކަނޑައަލަނީ
ފޮޓޯއާއި ވީޑިއޯ ހިއްސާކުރަން އެދިވަޑައިގެންނެވި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ރިޕޯރޓް ކުރަން ޚާއްޞަ ނަމްބަރެއް މިއަދު ކަނޑައަޅުއްވާނެ ކަމަށް ހެލްތް މިނިސްޓަރ ޑރ.އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ޞިއްހީ ރައްކާތެރިކަން ނެތް, މުޑުދާރު ކާބޯތަކެތި ވިއްކާ މައްސަލަ ބޮޑުވެ, ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވަނިކޮށް މިއަދު ވަޒީރު ވިދާޅުވީ އެފަދަ ކަންކަން ފަސޭހައިން ރިޕޯރޓްކުރެވޭނެ މެކޭނިޒަމެއް މުހިއްމު ކަމަށެވެ. މިއަދާ ހަމައަށް އެފަދަ ނިޒާމެއް ގާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަމަށް ޚާއްޞަ ނަމްބަރެއް މިއަދު ތަޢާރަފްކުރައްވާނެ ކަމަށެވެ. އެނަމްބަރު މެދުވެރިކޮށް ވައިބަރއާއި ވަޓްއެޕްއިން އިންވެސް ރިޕޯރޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"މިހާހިސާބަށް އައިއިރުގަ ކޮމްޕްލެއިން ކުރުމަށް މިއޮންނަނީ ތަންކޮޅެއް އުނދަގޫ ޕްރޮސީޖަރ އެއް. އެހެންވީމަ މިހާރު އަޅުގަނޑުމެން ވާނީ އެމްއެފްޑީއޭގައި ނަމްބަރެއް ގާއިމް ކުރެވިފަ, އެނަމްބަރުގެ ޒަރީޔާއިން ވަޓްސްއެޕް. ނޫނިއްޔާ ވައިބާ މެދުވެރިކޮށް އެތަންތަނުގެ ފޮޓޯ އަޅުގަނޑުމެންނާ ހިސާބަށް ލިބޭ ހިސާބުން ފިޔަވަޅު އެޅޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމް ކުރާނަން"- މިނިސްޓަރ ހަލީލް ވިދާޅުވިއެވެ.
ވަޒީރު ވަނީ މިކަމުގެ ޢާއްމު ރައްޔިތުންގެ އެހީތެރިކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. ވަޒީރު އެދިވަޑައިގަތީ ސޯޝަލް މީޑިޔާގައި ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމުގެ ކުރިން އެމްއެފްޑީއޭއާ ހިއްސާކުރެއްވުމަށެވެ. ސޯޝަލް މީޑިޔާގައި ހިއްސާކުރުމުން އެތަންތަނަށް ދާއިރު ތަނުގެ ހާލަތު ބަދަލުކޮށްފައި ހުންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް