"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް"ގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް"ގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

1 hour ago - 17:12
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފައްދަވާފައިވާ ސަރުކާރުގެ ވަޤުފު ކުންފުނި، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.


މި ކުންފުނީގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް ޢިއްޒަދީން ޢަދުނާނެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދުރީސްއެވެ.


"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އަކީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، އެމަނިކުފާނުގެ ޚާއްސަ ޤަރާރަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމެވެ.


މީގެއިތުރުން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތަކާއި، މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީކުރުންވެސް މި ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ މަސައްކަތްތައްވެސް މި ކުންފުނިން ކުރިއަށްގެންދާނެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ 1،000،000 (އެއް މިލިއަން) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާއެވެ. އަދި ކުންފުނީގެ ދަރަންޏަށް ޝަރުޢީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައިވެސް ސަރުކާރުން ޒިންމާވާނީ، ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުން ދައްކާފައި ނުވާނަމަ ހަމައެކަނި އެ މިންވަރަކަށް ކަމަށްވެސް އެ ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement