ހެއްކެއް ނެތުމުން ޑރ. އަޒްމިރާލްދާގެ މައްޗަށް ދައުވާ ނުކޮށް ފުލުހުން މައްސަލަ ފައިލްކޮށްފި
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި ފުލުހުން ފައިލްކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގު ފައިލް ދިރާސާކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގާފައިވަނީ، މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވިދާނެ ފަދަ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުގެ އެ ނިންމުމާ ގުޅިގެން، ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމާލައިފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ބައިގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތުކޮށް ފެށި މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ފެބްރުވަރީ 27 2025 ގައި އޭސީސީން ވަނީ އެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގައިފައެވެ. އެއާއެކު ޖޭއެސްސީން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ.
ރިއެކްޝަންސް





