5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލިހަށް ހުށަހަޅައިފި
ސަރުކާރުން މިއަހަރަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވީ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ 519,58129 ރުފިޔާ އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ މިއަހަރަށް ފާސްކުރި 50 ހަކަށް ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވުމުގެ ކުރިން, މާލިއްޔަތު ޤާނޫނާ އެއްގޮތަށް ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވި ސަބަބުތައް ތަފްސީލްކޮށްދެއްވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލެވިފައިވާ ބަޖެޓަކަށް ނުވުމަކީ މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމާއި, މިއަހަރުގެ މަޝްރޫއުތަކަށް ފައިސާ ދައްކަން ޖެހުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން ޖެހުނު ސަބަބުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައީ ޕްރޮޖެކްޓްތަކަށް ރިއަލިސްޓިކް ނޫން އަދަދުތަކެއް ހިމަނާފައިވުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އެސަބަބާހުރެ އެކަނިވެސް ސަޕްލިމެންތްރީ ބަޖެޓްގައި 2 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
" އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވަރާއި,ވިސްނުން ހުށަހެޅިދިޔަ ބަޖެޓްގައި ފުރިހަމައަށް ހިމެނިފައި ނުވާކަމީ ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރުކުރަން ޖެހުނު އެއް ސަބަބު" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތަރައްޤިގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމާއި އެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ޖެހޭ ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބްސިޑީ ދިނުމާއި, ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުމާއި, ސްޓޫޑެންޓް ލޯނާއި, ބޭސްފަރުވާއަށްވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ފައިސާ ވަނީ ހިމަނާފައެވެ.
ރިއެކްޝަންސް