ބޭރު ފައިސާގެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކަޅުބާޒާރުގައި ފައިސާ ދައުރުކުރޭ: އެމްއެމްއޭގެ ގަވަރުނަރު

ބޭރު ފައިސާގެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކަޅުބާޒާރުގައި ފައިސާ ދައުރުކުރޭ: އެމްއެމްއޭގެ ގަވަރުނަރު

9 hours ago - 15:47

ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ފަރާތްތަކުން މަނީ ޗޭންޖަރުން މެދުވެރިކޮށް ކަޅުބާޒާރުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކުރަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަޅުބާޒާރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޑޮލަރު މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، މި މިންވަރަށް ބްލެކް މާކެޓު ފުޅާވާންޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި މައްސަލަ ހައްލުކުރުމަށްޓަކައި މަނީ ޗޭންޖަރުންނަށް ޚާއްޞަކޮށްގެން މޮނިޓަރިންގ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި، ތަންފީޒީ އިދާރާތަކާ ގުޅިގެން ހެދި ދިރާސާތަކުން ކަޅުބާޒާރުގެ މިފަދަ މުއާމަލާތްތައް ފާހަގަކުރެވިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް އަމަލުކުރި އެއް މަނީ ޗޭންޖަރެއްގެ ޚިދުމަތް މިހާރު ބަންދުކޮށްފައިވާ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވައި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްގެންދަންޖެހޭ ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.


ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި އިޤްތިޞާދީ ދުވެލި މަޑުޖެހުނު ކަމަށެވެ. އަދި ރާއްޖެއަކީ މުދަލާއި ތެލަށް ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ދެގުނައަށް މައްޗަށް ދިއުމުގެ ނޭދެވޭ އަސަރު ދެކޮޅުންވެސް އިޤްތިޞާދަށް ކުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ރަސްމީ ރިޒާވް މަތިކުރުމަށް އެމްއެމްއޭއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މީގެއިތުރުން، އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް، ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވަނީ 1 އިންސައްތަ އިތުރުވެފައެވެ. އަދި ބޭންކިންގ ދާއިރާގެ ބޭރު ފައިސާގެ އާމްދަނީއާއި ޑިޕޮސިޓްތައް އަދި ކްރެޑިޓް ގްރޯތަށްވެސް 18 އިންސައްތައިގެ ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް އަނެއްކާވެސް ބޮޑު ކުރިއެރުމެއް އަންނަމުންދާކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow