އިޒްރާއިލްއިން ޣައްޒާގެ ސްކޫލްތަކަށް އަމާޒުކޮށް ދޭ ވަރުގަދަ ހަމަލާތައް
އިޒްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ހަމަލާދީފައި: ފޮޓޯ-އޭޕީ

އިޒްރާއިލްއިން ޣައްޒާގެ ސްކޫލްތަކަށް އަމާޒުކޮށް ދޭ ވަރުގަދަ ހަމަލާތައް

ފާއިތުވި 10 މަސްދުވަހު އެކަނިވެސް އިޒްރާއިލް އިން ޣައްޒާގެ 500 އަށް ވުރެ ގިނަ ސްކޫލަށް ހަމަލާދިން

1 month ago - 20:03
Aug 14, 2024 - 21:35

ވިއްސިވިހާލިވެފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދައިގެންތިބި ޣައްޒާގެ ސްކޫލަކަށް ފާއިތުވެ ދިޔަ ހަފްތާގައި ބޮންއަޅާ 100 އަށްވުރެ ގިނަ މީހުން މަރާލުމާ ގުޅިގެން އދ. ން ވަނީ އިޒްރާއިލް އިން ގަސްތުގައި ސްކޫލްތަކަށް އަމާޒުކޮށް ޙަމަލާދޭކަމަށް ތުޙުމަތުކޮށްފައެވެ.

އަލް ތަލްބިން ސްކޫލަށް ހޮނިހިރު ދުވަހު ފަތިސްނަމާދު ވަގުތު ދިން ހަމަލާއާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ އިޒްރާއިލްއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

އެ ހަމަލާއަށްފަހު ޒަޚަމްވި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ކުރަން އެސަރަހައްދަށްދިޔަ ޕެރަމެޑިކްސް އިން މަންޒަރު ސިފަކުރިގޮތުގައި "ހަށިތަކުގެ ބައިތައް ވަނީ ވީދި ކުދިވެފަ" އެވެ. ސްކޫލްގައި ހަމާސްގެ ހަނގުރާމަވެރިން ފިލާތިބިކަމަށް އިޒްރާއިލް އިން ބުނި ނަމަވެސް އެ ކަން ހަމާސްއިން ވަނީ ދޮގުކޮށްފައެވެ. 

ހަމާސްގެ ހަނގުރާމަވެރިންގެ މަރުކަޒުތައްކަމަށްބުނެ އިޒްރާއިލް އިން ދަނީ ޣައްޒާގެ ސްކޫލްތަކަށާއި, ހޮސްޕިޓަލްތައް އަދި ޔުނިވަރސިޓީތަކަށް ވެސް އެއްވެސް ހެއްކެއް ދެއްކުމެއްނެތި ތަކުރާރުކޮށް ހަމަލާދެމުންނެވެ. 

Advertisement

އޮކްޓޯބަރ ހަތްވަނަ ދުވަހުގެ ފަހުން ޣައްޒާގެ އެކިހިސާބުތަކުން މީހުން ހުސްކުރަން އިޒްރާއިލްއިން އަންގާ އަމުރުތަކާއި އެކު ވިއްސިވިހާލިވެފައިވާ 2 މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން އާންމުގޮތެއްގައި ބޯހިޔާވަހިކަމާއި, ހިމާޔަތް ހޯދަނީ ސްކޫލްތަކުގައެވެ.

ސްކޫލްތަކަކީ މަދަނީ ތަންތަން ކަމަށާއި, އެއްވެސް ހާލެއްގައި އެތަންތަނަށް ހަމަލާދީގެން ނުވާނެކަމަށް ޖެނީވާ ކޮންވެންޝަންގެ 4 ވަނަ ޤާނޫނު ބުނެއެވެ. އެހެންނަމަވެސް ހަމައެކަނި އޮގަސްޓް މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައިވެސް އިޒްރާއިލް އިން ޣައްޒާގެ 4 ސްކޫލަކަށް ހަމަލާ ދީ,  179 މީހުން ވަނީ މަރާލާފައެވެ. މީގެ އިތުރުން އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. 

ފާއިތު ޖުލައި މަހުވެސް ހަމަމިގޮތަށް ޣައްޒާގެ ސްކޫލްތަކަށް އަމާޒުކޮށް ދިން ހަމަލާ ތަކުގައި ހަފުތާއެއްގެ ތެރޭގައި 50 ހަކަށް މީހުން މަރާލިއެވެ. ޣައްޒާގެ ސްކޫލް އިމާރާތް ތަކުގެ %90 ވަނީ ހަލާކުވެފައެވެ. އުތުރު ޣައްޒާގެ ހުރިހާ ސްކޫލަކަށް ވަނީ އަމާޒުކޮށް ހަމަލާދީފައެވެ. ޖުލައި މަހުގެ ޔުނިސެފް އަންދާޒާ ބުނާގޮތުން ފަލަސްތީނުގެ 6564 ސްކޫލަކަށް އަމާޒުކޮށް އިޒްރާއިލް އިން ވަނީ ހަމަލާ ދީފައެވެ. ނުވަތަ އިޒްރާއިލްއިން ދިން ހަމަލާތަކުގައި ވަނީ ހަލާކުވެފައެވެ.

ފަލަސްޠީންގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި ހަމަލާތައް ފެށުނު ފަހުން މިހާތަނަށް 16500 ކުޑަކުދިން ވަނީ މަރާލާފައެވެ. ޖުމްލަ އަދަދު ގާތްގަނޑަކަށް 40000 ށް އަރާކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow