ޔާމީން ދުރަށް ވަޑައިގެންނެވީ ރައީސް މުއިއްޒުގެ މައްޗަށް ބާރު ނުހިންގުމުން- އަބްދުއްރަހީމް
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެންވެސް ރައްދުދެއްވި
ކުރީގެ ރައީސް ޢަބްދުالله ޔާމީން މިސަރުކާރާ ދުރަށް ވަޑައިގެންނެވީ ރައީސް ޑރ.މުއިއްޒުގެ މައްޗަށް ބާރު ނުހިންގުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ކުރިން ރައީސް ޔާމީނާ އެންމެ އަރިސް މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އަބްދުއްރަހީމް ރޭ ޕީއެންސީ ޖަލްސާގައި ވިދާޅުވީ ޔާމީން މިސަރުކާރާ ދުރަށް ވަޑައިގެންނެވީ ސަރުކާރުގެ އަމަލުތައް ގޮސްވެގެން ނޫން ކަމަށެވެ. ހަގީގީ ސަބަބަކީ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚަބުވެ ވަޑައިގެން ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމުގެ ބައްދަލުވުމުގައި 'ތިމަންނާގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ބާރެއް ނުހިގާނެ ކަމަށް ވިދާޅުވުން" ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޝުކުރު އަދާކުރެއްވުމުގެ ބައްދަލުވުން ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވީ ރައީސް ޔާމީން އެބައްދަލުވުން ނުބާއްވަން އެދިވަޑައިގެންފައި ވަނިކޮށް ކަމަށެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނު މިނިވަންވުމުން ޖަލްސާ ބާއްވަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. ވިދާޅުވީ އެމައްސަލަ ބަލަން އުފައްދަވަންވީ ދެކޮމިޝަން ކަމަށެވެ. ރައީސް ޔާމީނާ ގުޅޭ މައްސަލަތައް ބަލާ ކޮމިޓީގެ ޗެއަރކުރައްވާނީ އަބްދުއްރަހީމް ކަމަށް އަމިއްލަ ފުޅަށް ވިދާޅުވިއެވެ. އަދި އަބްދުއްރަހީމާއި, ސަރުކާރުގެ އިސްބޭފުޅުންގެ މައްސަލަތައް ބައްލަވާ ކޮމިޓީ ޗެއަރ ކުރައްވާނީ ޔާމީން ކަމަށް ވިދާޅުވިއެވެ. މައްސަލަތައް ބަލަން ފެށުމުން ބިރުން ތުރުތުރު ނޭޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަބްދުއްރަހީމްގެ ވާހަކައިގައި ވަނި ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއާމެދު ސުވާލު އުފައްދަވާފައެވެ. ކުރިން ވިދާޅުވަމުން ގެންދެވީ ހިޔާނާތުގައި ޔާމީންގެ ދައުރެއް ނެތް ކަމަށެވެ. ކުރިން މަސައްކަތް ކުރެއްވީ އެމައްސަލައިން ޔާމީން ސަލާމަތްކުރައްވަ މިނިވަން ކުރެއްވުމަށެވެ.
ރިއެކްޝަންސް