އޮލިމްޕިކްސް ފައިނަލްގައި ފްރާންސާއި ސްޕެއިން
ދުނިޔޭގެ ޗެމްޕިއަނަކީ ސްޕެއިން
އޮލިމްޕިކްސްގައި ހިމެނޭ ފުޓްބޯޅައިގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ދުނިޔޭގެ ޗެމްޕިއަން ސްޕެެއިންއާއި, އޮލިމްޕިކްސް ބާއްވާ ގައުމު ފްރާންސް ވާދަކުރަން ޖެހިއްޖެއެވެ.
ފްރާންސްގައި ކުރިއަށްދާ އޮލިމްޕިކްސް ފުޓްބޯޅައިގެ ފައިނަލުން ފްރާންސް ޖާގަ ހޯދީ ސެމީފައިނަލްގައި 3-1 ން މިސްރު ބަލިކޮށްގެންނެވެ. މެޗުގެ ނަތީޖާ ނެރުނީ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުމުން, ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. މެޗުގައި ފުރަތަމަ ކުރިހޯދީ މިޞްރުންނެވެ. 62 ވަނަ މިނިޓްގައި ކުރި ހޯދައިދިނީ މަހުމޫދު ސަބާ އެވެ. ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނިޓްގައި މަޓޭޓާ ޖެހި ލަނޑުންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ވަގުތުގައި ފްރާންސަށް ލީޑް ނަގައިދިނީ ވެސް އޭނާއެވެ. ފްރާންސްގެ ތިންވަނަ ލަނޑު 108 ވަނަ މިނިޓްގައި ޖެހީ އޮލައިސް އެވެ. ފްރާންސްގެ ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް އޮލައިސް އެވެ. އިތުރު ވަގުތުގެ ދެވަނަ މިނިޓުން ފެށިގެން މިސްރުން ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ. އެއީ ދެވަނަ ރީނދޫ ކާޑާއެކު އުމަރު ފާއީދު އަށް ރަތްކާޑް ދެއްކުމުންނެވެ.
މިމޮޅާއެކު ތިއަރީ އޮންރީގެ އިރުޝާދުގެ ދަށުން ކުޅޭ ފްރާންސް ޓީމަށް ވަނީ މެޑަލް އެއް ޔަގީން ވެފައެވެ. މިއީ 40 އަހަރުގެ ތެރޭގައި އޮލިމްޕިކްސް ފުޓްބޯޅައިން ފްރާންސަށް މެޑެއްޔެއް ލިބޭ ފުރަތަމަ ފަހަރެެވެ. ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ގައުމު ސްޕެއިން އާއެވެ. ސްޕެއިން ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 2-1 ން މޮރޮކޯ ބަލިކޮށްގެންނެވެ. މިމެޗުގައިވެސް ފުރަތަމަ ކުރި ހޯދީ މެޗުން ބަލިވި މޮރޮކޯއެވެ. ޕެނަލްޓީ އަކުން ކުރިހޯދައިދިނީ 37 ވަނަ މިނިޓްގައި ރަހީމީ އެވެ. މިއީ މުބާރާތުގައި އޭނާގެ ހަވަނަ ގޯލެވެ. ލަނޑު ލިސްޓްގެ ކުރީގައި ހުރީވެސް އޭނާއެވެ. ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފްގައި ބާސެލޯނާގެ ފާމިން ލޮޕޭޒް އެވެ. މެޗުން މޮޅުކޮށްދިނީ މެޗުގެ ފަހު ފަސް މިނިޓްގައި ސަންޗޭޒް އެވެ.
ރިއެކްޝަންސް