ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ފަތްކޮޅު އަރުވައިފި

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ފަތްކޮޅު އަރުވައިފި

4 hours ago - 17:02
Advertisement
Advertisement

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރަރ، އެމްޕެރަރ ނަރުހިޓޯއަށް މިއަދު ހެނދުނު އަރުވައިފިއެވެ.


މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަ އިމްޕީރިއަލް ޕެލަސްގައެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، އެމްޕެރަރ ނަރުހިޓޯ ވަނީ ސަފީރު މަޚްލޫފަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


މި ބައްދަލުވުމުގައި ސަފީރު މަޚްލޫފު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެމްޕެރަރަށާއި ޖަޕާނުގެ ރައްޔިތުންނަށް އިޚުލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަފީރު ދެއްވިއެވެ.


ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. މިއަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ އަލމާސީ ޖޫބީލީ ފާހަގަކުރާނެ އަހަރެވެ.


މިއަދުގެ ރަސްމިއްޔާތުގައި ސަފީރު މަޚްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު އަޙްމަދު ޢާދިލްގެ އިތުރުން، ސެކަންޑް ސެކްރެޓަރީން ކަމަށްވާ ހައްވާ ސަމްޙާ، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement