އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

4 hours ago - 16:57
Advertisement
Advertisement

އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.


އުރުދުންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ މިނިވަންދުވަހުގެ އިޚުލާސްތެރި ތަހުނިޔާ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އުރުދުންގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް ބަދަހި އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ.


މީގެ އިތުރުން، އުރުދުންގެ ބޮޑުވަޒީރު ޑޮކްޓަރ ޖައުފަރު ޙަސަންއަށް ފޮނުއްވި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތައް ފޮނުއްވާފައެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެއްބަސްވެވޭ އުޞޫލުތަކާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ގުޅުމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އުރުދުންގެ އުޚުއްވަތްތެރި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.


މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. އެ މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި އުރުދުންގެ ގުޅުމަކީ މުޤައްދަސް އިސްލާމްދީނާއި ހަމަތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމިގެންދާ ގުޅުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާއާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް މޭ މަހުގެ 25 ވަނަ ދުވަހަކީ އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ 23 މޭ 1946 ގައި އިނގިރޭސިންގެ ޙިމާޔަތުން އެޤައުމަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީޚީ ދުވަހަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement