އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހުގެ ޓެރިފް ދާއިމަށް ކަނޑާލުމަށް ސަރުކާރުން މަޝްވަރާ ފަށައިފި
އިނގިރޭސިވިލާތުގެ ބާޒާރަށް ނެރޭ ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ދާއިމީކޮށް ކަނޑާލުމަށްޓަކައި ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދަވާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގަމުން އައި 20 އިންސައްތަ ޑިއުޓީ، ދެ އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް މިހާރު ވަނީ ނިންމާފައެވެ. މި ނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.
ވަޒީރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ރާއްޖެއިން 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ރަސްގެފާނާއި، ސަރުކާރުގެ އިސްވެރިންނާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ މަހަށް ޓެރިފް ކަނޑާލުމުގެ މުހިންމުކަން ވަނީ ބަޔާންކޮށްދެއްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ލިބިފައިވާ ދެ އަހަރުގެ ލުޔަކީ ދެ ޤައުމުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް އެއްބަސްވެވުނު ވަގުތީ ހައްލެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އެއްގޮތަކަށްވެސް ޑިއުޓީ ނުނަގާނެ ގޮތަކަށް ދާއިމީ ހައްލެއް ހޯދުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުން މި ބަދަލު އިޢުލާން ކުރުމުގެ ކުރިން ދިވެހި ސަރުކާރާ އެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، މިއީ ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މި ފުރުޞަތުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





