ހިމަބިހި ފެތުރެމުންދާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކްއެއް ގާއިމުކޮށްފި

ހިމަބިހި ފެތުރެމުންދާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކްއެއް ގާއިމުކޮށްފި

40 minutes ago - 19:58
Advertisement
Advertisement

ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހިފައިވާ ކޭސްތަކެއް ފެންނަމުންދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށް، ބަލިމީހުން އަމަލުކުރަންވީ އުސޫލުތައް އާންމުކޮށްފިއެވެ.


އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، "ފީވާ ރޭޝް ހެލްޕް ޑެސްކް" ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މައި އެމްބިއުލާންސް ޕޯޓިކޯ (އީއާރު ވަންނަ ދޮރު) ކައިރީގައެވެ. މި ހެލްޕް ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް މެދުނުކެނޑި ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.


ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވަނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ އެއްވެސް ފަރާތަކުން ހޮސްޕިޓަލަށް ދިއުމަށްފަހު، އެންމެ ފުރަތަމަ މި ހާއްސަ ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށެވެ. އެތަނަށް ރިޕޯޓްކުރުމުން، ދެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު އެ ތަނުގައި ތިބޭ ސިއްހީ އެހީތެރިން ފޯރުކޮށްދޭނެއެވެ.


މީގެ އިތުރުން، ރޭގަނޑު 11:00 ގެ ފަހުން މި ހެލްޕް ޑެސްކް ބަންދު ގަޑިތަކުގައި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކުން އަމަލުކުރަންވީ އުސޫލުވެސް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންނާއި މާބަނޑު މީހުންގެ ކިބައިން ހުމާއި ރަތްބިހީގެ އަލާމާތްތައް ފެންނަނަމަ، މައި އެމަޖެންސީ ރޫމްގެ ޓްރިއާޖް ނަރުހަށް އެކަން އެންގުމަށް އެދިފައިވެއެވެ. އަދި ކުޑަކުދިންގެ ފަރާތުން މިފަދަ އަލާމާތެއް ފެނިގެން ހޮސްޕިޓަލަށް ގެންދާނަމަ، ޕީޑިއޭޓްރިކް އެމަޖެންސީ ރޫމްގެ ނަރުހަށް އެކަން އެންގުމަށް ވަނީ އިރުޝާދު ދީފައެވެ.


ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އައިޖީއެމްއެޗުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހުމާއި ބިހި ނަގާފައިވާ ހުރިހާ ފަރާތްތަކުންވެސް ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް އަންނައިރު އެކުދިންގެ ވެކްސިން ކާޑު ހިފައިގެން އައުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.


މި ފިޔަވަޅުތަކަކީ ރާއްޖޭގައި ހިމަބިހި އިތުރަށް ފެތުރުން ހުއްޓުވުމަށާއި، ބަލި މީހުންނަށް ރައްކާތެރިކަމާއެކު އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement