އައު ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
އެލްޖީއޭއިން ބުނި ގޮތުގައި، އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ. މިގޮތުން މި ތާރީޚު ކަނޑައެޅީ އެންމެ ފަހުން އިންތިޚާބުވި ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކުރުމަށްފަހުއެވެ.
މިހާރު މަގާމުތަކުގައި ތިއްބެވި ކައުންސިލަރުން ހުވާކޮށްފައިވަނީ 17 މޭއި 2021 ގައެވެ. އެހެންކަމުން، ގާނޫނީ ގޮތުން މިހާރުގެ ދައުރު ހަމަވެ، އައު ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.
ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންގެ އިތުރުން، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން މަގާމުގެ ހުވައެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި، އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އެ ބޭފުޅުން ކުރައްވާނީ އިޤްރާރުގައި ސޮއިކުރުމެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް މަންދޫބުން ހޮވުމަށް ބޭއްވުނު މުހިންމު އިންތިޚާބެކެވެ.
ރިއެކްޝަންސް

