އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އަސާސީ މުދަލުގެ ބާވަތް އިތުރުކޮށްދީފި
ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ ވިޔަފާރީގެ ހާއްސަ އެއްބަސްވުމުގެ ދަށުން، އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަސާސީ އެހެނިހެން މުދަލުގެ ކޯޓާ އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރި ފަހުން، މިހާތަނަށް ކޯޓާ އިތުރުކޮށްދިން އެންމެ ބޮޑު މިންވަރު ކަމަށެވެ. މި ނިންމުމުގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު، ގޮދަން ފުށް، މުގު، ކުކުޅުބިސް، އަލުވި އަދި ފިޔާ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ނުހަނު ބޭނުންތެރި ބާވަތްތައް ކަމަށްވާ ހިލައާއި ހިލަވެލީގެ ކޯޓާވެސް ވަނީ ބޮޑުތަނުން އިތުރުކޮށްދީފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ފަހަރު އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ހަނޑޫ އެތެރެކުރުމަށް ދީފައިވާ ކޯޓާއަށެވެ. އެގޮތުން ކުރީ އަހަރާ އަޅާބަލާއިރު ހަނޑޫ އެތެރެކުރެވޭ މިންވަރު ވަނީ 77 އިންސައްތައަށް އިތުރުކޮށްފައެވެ.
އިންޑިއާއިން ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ކޯޓާ އިތުރުކޮށްދީފައި މިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް އެ ގައުމުން ރާއްޖެއަށް ބޮޑެތި ލުއިތަކެއް ދީފައިވަނިކޮށެވެ. އެ ފަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތީގެ ކޯޓާ 30 އިންސައްތައަށް އިތުރުކޮށްދިން އިރު، ފިޔާ، އަލުވި، ބިސް، ހަކުރު އަދި ފުށުގެ ކޯޓާ ފަސް އިންސައްތައަށް އިތުރުކޮށްދިނެވެ. އަދި މުގު އެތެރެކުރެވޭ މިންވަރު އެ ފަހަރު ވަނީ 56 އިންސައްތައަށް އިތުރުކޮށްދީފައެވެ.
މި ކޯޓާ އިތުރުކޮށްދިނުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި ދަތިކަމެއް ނެތި ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހޯދުމުގައި ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.
ރިއެކްޝަންސް





