
ރައްޔިތުން ބޭނުން ނުވާތީ ދޮންފަނު ބިން ނުހިއްކަން ނިންމައިފި
މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ މަސައްކަތް ހަވާލުކުރުމަށްފަހު
ރައްޔިތުން ބޭނުން ނުވާތީ ދޮންފަނު ބިން ނުހިއްކަން ނިންމައިފިއެވެ. މިނިންމެވުން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު އެމަނިކުފާނު ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. ނިންމެވުން ބަދަލުކުރެއްވީވެސް އެސަބަބާހުރެ ކަމަށް ވިދާޅުވިއެވެ.
"މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގަވާނެ ކަމަށެވެ. ދޮންފަނު ބިން ހިއްކުން ކުރިއަށް ނުގެންދަން މިނިންމެވީ އެކަމަށް ތިމާވެއްޓާބެހޭ ޖަމްްއިއްޔާތަކާއި، ސިޔާސީ ބައެެއް ލީޑަރުންވެސް ގޮވާލަމުން ދަނިކޮށްވެ. އަދި އެކަމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުން ދަނިކޮށެވެ.
ދޮންފަނު ބިންހިއްކުން ހުއްޓާލަން ގޮވާލަމުން ދަނީ ބ.އަތޮޅުގައި ދޮންފަނު ކައިރިގައި އޮންނަ ހަނިފަރު ބޭ އަށް ގެއްލުންވެދާނެތީއެވެ. އެއީ ހިމާޔަތްކޮށްފައިވާ ރާއްޖޭގެ ފަތުރުވއރިކަމުގެ މުހިއްމު ސަރަހައްދެކެވެ.
ރިއެކްޝަންސް






