
ސްޕެއިން އިން އިޒްރާއިލްއަށް ހަތިޔާރު ވިއްކުން ހުއްޓާލައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ސްޕެއިންގެ ބަނދަރތަކުގައި އިޒްރާއިލްގެ އަސްކަރިއްޔާ އާ ގުޅުންހުރި ބޯޓަކަށް ބަނދަރުވެސް ނުކުރެވޭނެ
ސްޕެއިން އިން އިޒްރާއިލްއަށް ހަތިޔާރު ވިއްކުން އެއްކޮށް ހުއްޓާލިކަން އެޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ. މީގެ އިތުރުންވެސް ވަރުގަދަ ފިޔަވަޅުތަކެއް އިޒްރާއިލްއާ ދެކޮޅަށް އަޅާފައިވާއިރު އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން އަދި ޣައްޒާ ޤަތުލްއާންމުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެފައިވާ ފަރާތަކަށް ސްޕެއިންއަށް އެތެރެ ނުވެވޭނެއެވެ.
"އަމިއްލަ ސަލާމަތަށް މަސައްކަތް ކުރުމާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާދީ އާންމުން މެރުން އަދި ތުއްތު ކުރިން ބަނޑަށް މެރުން މިއީ ތަފާތު ކަންކަން." ސްޕެއިންގެ މި ނިންމުމަކީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމު ހުއްޓުވައި ފަލަޞްޠީނުގެ އާބާދީއާއެކު ތިބިކަން ހާމަކޮށްދޭ ނިންމުމެއްކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑު ވަޒީރު ވިދާޅުވިއެވެ.
ސްޕެއިން އަކީ ފެށުނީއްސުރެ އިޒްރާއިލްއިން ފަލަޞްޠީނުގެ ހިންގަމުންގެންދާ އުދުވާންތަކާ ދެކޮޅަށް ވަކާލަތުކޮށް މީގެ ކުރިންވެސް ފިޔަވަޅުތައް އަޅާފައިވާ ޤަތުލްއާންމާ ދެކޮޅަށް ޔޫރަޕްގެ އެންމެ ވަރުގަދަ އަޑެވެ.
މިފަހަރު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސްޕެއިންގެ ބަނދަރުތަކުން އިޒްރާއިލްގެ އަސްކަރިއްޔާގެ ބޯޓްތަކަށް ތެޔޮއެޅުމާއި އެޤައުމުގައި ބަނދަރުކުރުންވެސް މަނާވާނެއެވެ. އަދި މަތިންދާބޯޓް ފަދަ ތަކެތި އުފުލުމަށާއި އަސްކަރިއްޔާއަށް ބޭނުންވާ އެެއްވެސް އެއްޗެއް އުފުލުމަށް އެޤައުމުގެ ވައިގެ ސަރަހައްދުވެސް ބޭނުންނުކުރެވޭނެވެެ.
ބޮޑުވަޒީރު ސަންޗޭޒް އިތުރަށް ވިދާޅުވީ އާންމުގެ އާބާދީއަށް ދެމުންގެންދާ ހަމަލާތައް ދިފާއުނުކުރެވޭނެ ކަމަށާއި, އިޒްރާއިލްގެ ޖަރީމާ ތަކުގައި މިހާތަނަށް 60,000 ށްވުރެ ގިނަ މީހުން މަރުވެ 2 މިލިއަން މީހުންގެ ގެދޮރުގެއްލި ވިއްސި ވިހާލިކޮށްލައިފި ކަމަށެވެ. ހަމަލާތަކުގައި މަރާލި މީހުންގެ ދެބައިކުޅައެއްބަޔަކީ ކުޑަކުދިން ކަން ފާހަގަ ކުރައްވައި ބޮޑުވަޒީރު ވިދާޅުވީ މިއީ އިޒްރާއިލްގެ އަމިއްލަ ސަލާމަތަށް ކުރާ ކަންކަން ކަމަށް ޤަބޫލު ނުކުރާނެ ކަމުގައެވެ. "މިއީ އަމިއްލައަށް ދިފާއުވެވެން ނެތް ބަޔަކު ނައްތާލުން" ސަންޗޭޒް ވިދާޅުވިއެވެ.
ސްޕެއިން އިން މި ނިންމުން ނިންމި ރަސްކަމުގެ ރަސްމީ ޤަރާރު ހޯމަ ދުވަހު ވަނީ އެޤައުމުގެ ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައެވެ.
ރިއެކްޝަންސް






