
ހދ.އަތޮޅުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބައެއް ފަރާތްތަކުން ބިޑް ހުށަހަޅަން ދަނީ ތައްޔާރުވަމުން- ރައީސް
ނާގޯށީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ
ހދ.އަތޮޅުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބައެއް ފަރާތްތަކުން ބިޑް ހުށަހަޅަން ތައްޔާރުވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހދ.އަތޮޅުގައި ޓޫރިޒަމް ކުރިއަށް ގެންދަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ހދ.އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމާއި, އަތޮޅުގައި ޓޫރިޒަމް ކުރިއަށް ގެންދިއުމށް ސަމާލުކަން ދެއްވާ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ހދ.އަތޮޅުގައި އެކަން ވެފައި ނެތަސް މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއެކު އެކަން ފުރިހަމަ ވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ހދ.އަތޮޅާއި ޓޫރިޒަމް ފުޅާވެފައި ނެތް އެހެން އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރަން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން ލުއިތަކާއެކު އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައެވެ. އިންވެސްޓް ކުރާ ފަރާތަށް ވަރަށް ބޮޑަތި ލުއިތަކެއް ދީގެން, ޑިސްކައުންޓްތަކެއް ދީގެން ހުޅުވާލާފައިވާ ފުރުޞަތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަތޮޅުންވެސް ވަރަށްގިނަ ފަޅުތަކާއި, ފަޅުފަޅުން ބަޔާއި, މިކަހަލަ ތަންތަން ހިމެނޭ ގޮތަށް ގާތްގަނޑަކަށް ދިހަ ވަރަކަށް ސަރަހައްދު މިއަތޮޅުގެ ތެރެއިން ވާނެ އިއުލާނުކޮށްފަ. މިހާރު ބިޑަށް ހުޅުވާލެވިފަ އެވަނީ. ބައެއް ފަރާތްތަކުން މައުލޫމާތު ސާފްކޮށް ބިޑް ހުށަހެޅުމަށް ކުރަން ޖެހޭ ކަންކަން އެބަ ހިނގާ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން އެހީތެރިކަން ދީގެން ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ތެރެއިން މަގުތަކެއް ފަހިކޮށްދީގެން އެމްޓީޑީސީން ވަނީ ނާގޯށީގެ މަސައްކަތް ފެށުމަށް މޮބަލައިޒްކޮށްފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ ނުހިނގާ ވަރަށް ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރެއްވުމާއެކު ވިދާޅުވީ މިހާރު ބާރު ސްޕީޑްގައި އެމަސައްކަތް ގެންދެވޭނެގޮތް ވަނީ ފަހިކޮށްދީފައި ކަމަށެވެ.
ހދ.އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ވަރަށްގިނަ މަސައްކަތް އެބަކުރެވޭ ކަމަށާއި, އޭގެ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު މަސައްކަތް ކުރަމުންދާނީ މިއަތޮޅުގައި ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ, ޓޫރިޒަމް ފައްކާކަމާ އެކީގައި ހިނގާ އަތޮޅަކަށް ހެދުން. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑުމެންނަށް ކާމިޔާބީ ލިބގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






