
ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި
ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޚާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމުޙޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މިފަހަރު ސްކޮލަރޝިޕް ލިބިފައިވަނީ 24 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު 1 ފަރާތް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމް ޚާސިލްކުރުމުގެ ފުރުސަތުތަކެވެ. ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހަމަވީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.
މި ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަކޮށް ނަގާފައިވާ ޤާބިލު ކޮމިޓީއަކުންކަން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






