
އިންނަފުށި ފުޅަދޫ ކައުންސިލާ ހަވާލުކުރަން ރައީސް ނިންމަވައިފި
ބ.ފުޅަދޫއާ އެއް ފަޅެއްގައި އޮންނަ އިންނަފުށި ފުޅަދޫ ކައުންސިލާ ހަވާލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެކަން އިއުލާނުކުރެއްވީ ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ފުޅަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އިންނަފުށި ފުޅަދޫ ކައުންސިލާ ހަވާލުކުރާނީ ރަނގަޅު މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްފަހު ކަމަށެވެ. އެރަށް މިހާރު ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަމަށާއި, އޭގެ ނަތީޖާއެއްގެ ގޮތުން ރަށުގައި ކުނި ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު އެރަށް ފުޅަދޫ ކައުންސިލާ ހަވާލުކުރުމުން އެރަށުން ފުޅަދޫ އަށް އާމްދަނީ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިންނަފުށިން ލިބޭ އާމަދްނީ, މިދެންނެވީ ރަނގަޅު މެނޭޖްމަންޓް ޕްލޭނެއްގެ ތެރެއިން ތަފްސީލްތައް ހިމެނޭނެ, ބަލަހައްޓާނެ ގޮތާއި, އޭގެން އާމްދަނީ ލިބޭނެ ގޮތާ, ކައުންސިލަށް އޭގެން އާމްދަނީ ލިބޭނެ މިންވަރާ, އިންސައްތައާ, އޭގެތެރެއިން ދައުލަތަށް މާލިއްޔަތަށް އޭގެން އިންސައްތަ ކިހާވަރެއްކަމާ ޖަމާކުރަންޖެހޭނީ, މިހުރިހާ ތަފްސީލްތައް އަންނާނެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބ.އަތޮޅު ދަތުރަށްފަހު, މާލަސްތަކެއް ނުވެ އެމަސައްކަތް ކުރިއށްދާނެ ކަމަށެވެ. ދާދި އެވަހަށް އެކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް






