
ޓީޗަރުން ތަމްރީނު ކުރައްވައިގެންވިޔަސް ފެހެންދޫ އަށް ޓީޗަރުންގެ މައްސަލަ ހައްލުކޮށްދޭނަން- ރައީސް
ޓީޗަރުން ތަމްރީނު ކުރައްވައިގެންވިޔަސް ފެހެންދޫ އަށް ޓީޗަރުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެހެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފެހެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިވަރުން މަދު ސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުން ނުލިބުމެވެ. ރައީސް ވިދާޅުވީ ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނޭކަމަށެވެ. އެގޮތުން ފެހެންދޫގައި ޤާއިމުވެ ތިބޭނޭ ޓީޗަރުން ނުލިބިއްޖެނަމަ، އަލުން ޓީޗަރުން ތަމްރީންކުރައްވައިގެންވެސް މައްސަލަ ޙައްލުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް މި އަހަރާއި އަންނަ އަހަރަށް އެކަށައަޅުއްވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު، ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ އަށް ޙައްލު ހޯއްދެވުން ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ފެހެންދޫގައި ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.
ރިއެކްޝަންސް






