
ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި
ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ޑޮކްޓަރުންނަށް އޮރިއެންޓޭޝަންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މެޑިސިން ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށްފަހު ޑޮކްޓަރުކަން ކުރުމަށް މޯލްޑިވްސް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލުން ދޫކުރާ ދާއިމީ ލައިސަންސް ލިބުމަށްޓަކައި އިންޓާންޝިޕް ފުރިހަމަކުރުން މަޖުބޫރެވެ. ރާއްޖޭގައި މި ޕްރޮގްރާމް ފުރަތަމަ ހިންގަން ފެށީ އައިޖީއެމްއެޗްގައެވެ. އެއަށްފަހު ދަރިވަރުންގެގެ އަތުން ބޮޑު ފީއެއް ނަގައިގެން އޭޑީކޭގައި ވަނީ މި ޕްރޮގްރާމު ފަށާފައެވެ.
މި ސަރުކާރުން އިންޓާންޝިޕް ޕްރޮގްރާމް ފުޅާކުރުމަށްޓަކައި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މި ޕްރޮގްރާމް ފަށަން ނިންމާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޕްރޮގްރާމް މި ދިޔަ ޖުލައިމަހު ވަނީ ފަށާފައެވެ.
މިދެ ހޮސްޕިޓަލުގައި މި ޚިދުމަތް ފެށި ނަމަވެސް ނިސްބަތުން ފުރުސަތު ދީފައިވަނީ ވަރަށް މަދު ޑޮކްޓަރުންނަށް ކަމަށްވުމާއި އެކު މިހާރުވެސް ގިނަ ދިވެހި ޑޮކްޓަރުން އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރަން ދާންޖެހެނީ ކިޔަވާ ގައުމު ނުވަތަ ބަންގްލަދޭޝް ފަދަ ގައުމުތަކަށެވެ.
ރިއެކްޝަންސް






