
ދެ ޕޯޓަބަލް ހޮސްޕިޓަލް ކިއުބް އިންޑިއާއިން ހަދިޔާކޮށްފި
އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ޕޯޓަބަލް ހޮސްޕިޓަލް ކިއުބް
އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ޕޯޓަބަލް ހޮސްޕިޓަލް ކިއުބް އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަދިޔާކުރެއްވި ޕޯޓަބަލް ހޮސްޕިޓަލް އާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އަރޯގްޔާ މައިތްރީ ހެލްތުކެއަރ ކިއުބްސްއަކީ ހާއްސަކޮށް ކާރިސާތަކުގެ ހާލަތުގައި އަވަސް ފަރުވާދިނުމަށް އިންޑިއާއިން އީޖާދުކޮށްފައިވާ އިންގިލާބީ އުފެއްދުމެކެވެ.
ޑްރޯން އާއި އެއްގަމާއި ކަނޑުގެ މަގުންވެސް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދެވޭ މި ކިއުބްސް އަކީ އެންމެ 12 މިނިޓްގެ ތެރޭގައި ތައްޔާރީ ހާލަތަށްގެނެވޭ ސެޓަޕް އެކެވެ.
މި ކިއުބްތަކަކީ އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީ އަދި އެކްރޭގެ ހިދުމަތާއެކު ފަރުމާކުރެވިފައިވާ ކިއުބްތަކެކެވެ.
މީގެ އިތުރުންވެސް އިމަޖެންސީތަކުގައި ބޭނުންކުރެވޭ ގިނަ އާލާތައް މި ކިއުބްތަކުގައި ހިމެނެއެވެ. އަދި އެއްވެސް އެހެން ކަމަކަށް ބަރޯސާނުވެ 72 ގަޑިއިރު އޮޕަރޭޓް ކުރެވޭ މި ހިދުމަތުން އެއްފަރާ 200 ބަލިމީހުންނަށް ފަރުވާކުރުމުގެ ގާބިލްކަން ލިބިފައި ވެއެވެ.
ރިއެކްޝަންސް






