ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސްމާޓް އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމަށް ރާއްޖެއިން އަހައްމިއްޔަތުކަންދޭ: ރައީސް
ދިވެހިރާއްޖެއަށް ޚާއްޞަވެގެންވާ ޤުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަޤާފީ ސިފަތަކާއެކު، ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސްމާޓް އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމުގެ ޒަރީޢާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސްމާޓް އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެހައި ހިއްސާދާރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ތަރައްޤީގައި މި ސިނާޢަތުގެ މުހިންމު ޙިއްޞާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުޞަތުތަކެއް ފަހިކޮށްދީ، އަދި ރާއްޖޭގެ އައްސޭރިތަކަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސްމާޓް ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުޞަތުތަކެއްކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ކަންކަމަށް ރިޢާޔަތްކުރައްވައި، ދިވެހި ތަޖުރިބާގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ރައްކާތެރިކުރަމުން، ހަލުވިކަމާއެކު ސްމާޓްވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ސްމާޓް އީޖާދުތަކަށާއި، ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ވުނަކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި، ފަންނިއްޔާތު ވާންވާނީ އެ ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް ކަމަށެވެ.
އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި އީޖާދީ ވިސްނުންތައް ގެންގުޅުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އަދި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި މެސެޖުގައިވެސް، ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ބިނާކުރުމަށްޓަކައި ސްމާޓް ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ރިއެކްޝަންސް





