
އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖޭގެ އެންމެ އުތުރު ހއ. އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކުރުމަށް އާ އޮފީހެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރު އަޙްމަދު ފަޞީޙެވެ.
މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތް ދެމުން އަންނަނީ އެމްއެންޑީއެފްގެ އިމާރާތަކުން ދީފައިވާ ކުޑަ ޖާގައެއްގައެވެ. އާ އިމާރާތެއް އެޅުމުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތާ ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އާ އިމާރާތް ގާއިމުކުރެވުމާއެކު، މިހާރު ދެމުންދާ ސީޕޯޓު ޚިދުމަތުގެ އިތުރުން ޕާސްޕޯޓާއި ވިސާ ފަދަ އިމިގްރޭޝަންގެ އެހެނިހެން ޚިދުމަތްތައް ވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށާއި، މިއީ އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އުލިގަމަކީ އަހަރަކު 100-150 ޔޮޓު ބަނދަރުކުރާ ރަށެކެވެ. އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކަށް އާ އިމާރާތް އެޅުމުން ޙައްލު ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރިއެކްޝަންސް






