
ސައްހަނޫން ޓްރާންސްފަރ ސްލިޕްތަކުން ގެއްލުންވި 80,000 ށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ސައްހަނޫން ޓްރާންސްފަރ ސްލިޕްތައް ފޮނުވައިގެން ކޮށްފައިވާ ވިޔަފާރިތަަކަކާގުޅޭ އޮފަރޭޝަނެއްގެ ތެރެއިން ވެރިފަރާތްތަށް ގެއްލުންވި 80,000 އަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަޙްޤީގުގުތެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ފައިސާ މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ވިޔަފާރިއަކުން މުދާ ހޯދުމަށްފަހު އެކަމަށްވާ ފައިސާ ވެރިފަރާތްތަށް ފޭކް ސްލިޕެއް ފޮނުވައިގެން ދައްކާފައިވާ ކަމަށް އޮޅުވާލައިގެން ހިންގާފައިވާ އަމަލެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މިއަހަރުގެ މެއި މަހު ހުޅުމާލޭގެ ފިހާރައަކުން ކުރި ވިޔަފާރިއަކަށް ސައްހަނޫން ސްލިޕް ފޮނުވައިގެ މުދާ ހޯދުމުގެ މައްސަލައަކާ ގުޅޭގޮތުންނެވެ.
މެއި 16 ގައި ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙްގީގަށް ތުހުމަތު ކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް ކުއްޔަށް ހިފައިގެން ދިރިއުޅޭ އެޕާޓްމަންޓަކަށް އެމުދާތައް ވައްދާތަން ފެންނަ ސީސީޓީވީ ފުޓޭޖް ހޯދާ, އެ އެޕާޓްމަންޓުން ފުލުހުންވަނީ އެމުދާތައް ހޯދާފައެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި ތަޙްޤީގުގެ ތެރެއިން މާލެ އަދި ހުޅުމާލޭގެ އެކި ފިހާރަތަކުންވެސް ޒައިދާން މިގޮތަށް އޮޅުވާލައިގެން މަކާއި ހީލަތުން ސައްހަނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްފައިވާ މަައްސަލަތަކެއް އެފަރާތުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
މައްސަލަ އާ ގުޅިގެން ފާއިތިވި ޖޫން މަހު 17 ވަނަ ދުވަހު ޒައިދާންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަފްރިން އަކްތަރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބަންދުގެ މުއްދަތު އެއްފަހަރު އިތުރުކުރުމަށްފަހު ފުލުހުންގެ ބަންދުގައި އިތުރަށް ބައިތިއްބަން ނުފެންނާތީވެ މި ދެމީހުންވެސް މިހާރުވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަމުގައި ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މައްސަލައިގައި ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ ދެމީހުންނަކީ ދެމަފިރިންނެވެ.
ރިއެކްޝަންސް






