
ޣައްޒާއިން ދުނިޔެއަށް މެސެޖެއް: ހޮސްޕިޓަލްތައް ހަމަހިމޭން ޤަބުރުސްތާނަކަށް ބަދަލުވެދާނެ, އެހީވެދީ!
އަލް-ޝިފާ އަދި އަލް-ނަސެރް ހޮސްޕިޓަލް ގައި ދުވަސްނުފުރާ ވިހެއި 100 އަށްވުރެ ގިނަ ކުދިން އެބަތިބި
ޣައްޒާގައި މިވަގުތު ޙިދުމަތްދޭ އެންމެ ބޮޑު ދެ ހޮސްޕިޓަލުން ދުނިޔޭގެ އެޙީއަށް އެދި އަނެއްކާވެސް މެސެޖެއް ފޮނުވައިފިއެވެ. އިޒްރާއިލްއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވެ, ދުވަސްނުފުރާ ވިހާފައިވާ 100 އެއްހާ ކުޑަކުދިންނާއެކު ޣައްޒާގެ ހޮސްޕިޓަލްތައް 'ހަމަހިމޭން ޤަބުރުސްތާނަކަށް' ބަދަލު ނުވަނީސް ހާލަތު ބަދަލުކޮށްދިނުމަށް ޣައްޒާއިން ދުނިޔެއަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލް އަދި ދެކުނު ޙާން ޔޫނިސްގައި ހުންނަ އަލް-ނަސެރް ހޮސްޕިޓަލްއިން މި މެސެޖު ދުނިޔެއަށް ފޮނުވާފާއިވާއިރު އިއްޔެވެސް ވަނީ 74 މިހަކު އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 179 މީހަކު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަލުގައި ވަނީ ޝަހީދު ވެފައެވެ.
މާޗު މަހުން ފެށިގެން ޣައްޒާއަށް ތެލުގެ އެއްވެސް މިންވަރެއް ވަނުން އިޒްރާއިލްއިން ވަނީ ހުއްޓުވާފައެވެ. އަލް- ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިޔާ އަލްޖަޒީރާއަށް ބުނި ގޮތުގައި އެހޮސްޕިޓަލްގައި އެކަނިވެސް 100 އަށްވުރެ ގިނަ ތުއްތުކުދިން އެޑްމިޓްކޮށްފައި އެބަތިއްބެވެ. އޭގެ އިތުރުން 350 ޑަޔަލިސިސް ޕޭޝަންޓުންވެސް ހޮސްޕިޓަލްގައި ތިބިކަމަށް ސަލްމިޔާ ވަނީ ބުނެފައެވެ.
"ތެޔޮ ނުލިބިއްޖެނަމަ އޮކްސިޖަން ސްޓޭޝަަންތައް ހުއްޓޭނެ. އޮކްސިޖަން ނުލިބޭ ހޮސްޕިޓަލްއަކީ ހޮސްޕިޓަލެއްނޫން. ލެބޯޓްރީ އާ ބްލަޑް ބޭންކްވެސް ހުުއްޓޭނެ" މިތާތިބި ހުރިހާ ބަލިމީހުން ތިބީ ބޮޑު ރިސްކެއްގައި" ސަލްމިއާ ބުނެފައި ވެއވެެ.
ސަލްމިއާ ބުނީ މިހާރުވެސް އައިސީޔޫއަށް ކަރަންޓް ދީފައި ހުރީ ޑަޔަލިސިސް ހަދާ ތަންތަނުން ކަރަންޓް ކަނޑައިގެން ކަމުގައެވެ. އެއީ އައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރު ތަކަކީ ކަރަންޓް ކެނޑޭނެ ތަންތަނަށް ނުވާތީ ކަމުގައެވެ.
އަލް ނަސެރް ހޮސްޕިޓަލުން ވަނީ ތެލުން ހޮސްޕިޓަލް ހިންގޭނެ އެންމެ ފަހު ގަޑިއުރުތައް ގުނަމުންދާކަމަށް ބުނެފައެވެ.
"މިހާރު ހިންގަމުން ގެންދަނީ އެންމެ ފަހު ތެލުގައި. ލިބޭ ކުޑަވަގުތުކޮޅުގައި އަނދިރިކަމާ ކުރިމަތިލާން ޖެހުމުގެ ކުރިން ޑޮކްޓަރުން ވަނީ ފުރާނަ ސަމާލަތްކުރުމުގެ ހަނގުރާއަށް ވަދެފައި. އަހަރެމެންގެ މެޑިކަލް ޓީމުން އެންމެ ފަހު ނޭވާއަށް ދަންދެން މަސައްކަތްކުރާނެ. އުއްމީދު ކުރަނީ މި ކޯލްގެ އަޑު އިވޭނެކަމަށް" ހޮސްޕިޓަލް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






