
އެފްއޭއެމްގެ އިންތިޚާބަށް ހުޅުވާލައިފި, ބައްސާމަށް ފުރުޞަތެއް ނެތް!
ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފުރުޞަތު ނުލިބޭ ގޮތަށް, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަށް މިއަދު ހުޅުވާލައިފިއެވެ.
އިއްޔެ އަސާސީ ގަވާއިދު ފާސްކޮށް މިއަދު އިންތިޚާބަށް ހުޅުވާލީ އާ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބު ބޭއްވުމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީން މިއަދު ހުޅުވާލީ އެފްއޭއެމްގެ ރައީސް އާއި ސީނިއަރ ނައިބުރައީސްގެ އިތުރުން ދެ ނައިބުރައީސުންނާއި, ޢާއްމު 7 މެމްބަރުން އިންތިޚާބުކުރުމަށެވެ. އޭގެތެރޭގައި އަންހެން ދެ މެމްބަރުން ހިމެނެންޖެހެއެވެ.
އިންތިޚާބު ބާއްވަން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި ފީފާއިން ފިޔަވަޅު އަޅާފައިވާ ފަރާތަކަށް ނުވުމެވެ. އަދި ޖިނާއީ, މަދަނީ ދައުވާއެއް އުފުލިފައިވާ ފަރާތެއް ނަމަ އޭގެ ތަފްސީލް ހުށަހަޅަން ޖެހުމެވެ. މިދެޝަރުތާއެކު ބައްސާމް އަދީލް ޖަލީލަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލެއެވެ. ފީފާގެ ސަސްޕެންޝަން ނިމިފައި ވިޔަސް ރާއްޖޭގެ ކޯޓްތަކުގައި ބައްސާމްގެ މައްޗަށް ވަނީ ދައުވާ އުފުލިފައެވެ. އެއީ އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވާ ހިންގި ހިޔާނާތުގެ މައްސަލަތަކާ ގުޅޭ ދައުވާއެވެ.
މީގެއިތުރުން މިދިޔަ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގެ ތެރޭގައި ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ މީހަކަށް ވާންޖެހެއެވެ. އެފްއޭއެމްގެ މަގާމްތަށް ވާދަކުރައްވާ ފަރާތްތަކުން އެޕްލިކޭބަން ހުށަހަޅަން ޖެހެނީ ޖުލައި 6 ވަނަ ދުވަހުގެ ކުރިންނެވެ.
ރިއެކްޝަންސް






