
ދެލަޕްގެ ފުރަތަމަ ޗެލްސީ ގޯލާއެކު ކްލަބް ދެވަނަ ބުރަށް, ބެންފީކާއިން ބަޔާން ބަލިކޮށް ތާވަލްގެ ކުރިއަށް
ފީފާ ކްލަބް ވޯލްޑްކަޕްގެ ގްރޫޕް-ޑީގައި މިއަދު ޗެލްސީ ކުޅުނު މެޗުގައި ލިއަމް ޑެލަޕްގެ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއެކު 3-0 ން ޓިއުނީޝިއާގެ އެސްޕެރަންސް ބަލިކޮށް, ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ. ރޭ ގްރޫޕް-ސީގައި ޕޯޗްގަލްގެ ބެންފީކާއިންވެސް ވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާންމިއުނިކް 1-0 ން ބަލިކޮށް ތާވަލްގެ އެއްވަނަ ހޯދާފައެވެ.
ގްރޫޕް-ޑީގެ އެއްވަނަގައި ބްރެޒިލްގެ ފްލެމެންގޯ އޮތީ މިއަދު ލޮސް އެންޖެލެސް އެފްސީ އާ ކުޅުނު މެޗުން 1-1 ން އެއްވަރުވެގެން 7 ޕޮއިންޓާއެކުއެވެ. އެހެންކަމުން ދެވަނަ ބުރުގައި އާދިއްތަ ދުވަހު މަޔާމީގައި ފެލެމެންގޯ ވާދަކުރަންޖެހޭނީ ބަޔާން އާއެވެ. އަދި ޗެލްސީން ނިކުންނާނީ ގްރޫޕް-ސީ ގެ އެއްވަނަ ބެންފީކާއާ ދެކޮޅަށެވެ.
ޗެލްސީގެ ފުރަތަމަ ދެ ގޯލްވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ދެ ގޯލް ޖެހުމުގައިވެސް އެންޒޯ ފެނާންޑޭޒް އެހީތެރިވިއިރު ގޯލްތައް ކާމިޔާބުކުރީ ޓޮސިން އަޑަރަބިއޯއެ އަދި ލިއަމް ޑެލަޕް އެވެ. ފަހު ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގައި ކާމިޔާބުކުރީ ތައިރީޤް ޖޯޖް އެވެ.
ރޭގެ މެޗުގައި ޗެލްސީގެ މުހިއްމު ބައެއް ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ. ކޯޗު އެންޒޯ މަރެސްކާގެ ޕްލޭނުގެ ދަށުން ކޯލް ޕާމާ އަދި ކީޕަރު ރޮބާޓް ސަންޗޭޒްއަށްވެސް ރޭ ވަނީ އަރާމުކުރަން ފުރުޞަތު ދީފައެވެ.
ހުކުރު ދުވަހު ފެލެމްންގޯ އަތުން 3-1 ން ޗެލްސީ ބަލިވި މެޗުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ދެއްކި ރަތްކާޑާއެކު ލިބުނު ދެ މެޗުގެ ސަސްޕެންޝަނާއެކު ރޭގެ މެޗުގައިި ނިކޮލަސްވެސް ފެނިފައެއް ނުވެއެވެ. ބެންފީކާ އާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ނިކޮލަސް އަކަށް ނުކުޅެވޭނެއެވެ.
ގަދަ ހޫނުގައި އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑްކަޕްގައި ބެންފީކާ އާއި ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް ބައްދަލުކުރި މެޗުގެ ހަމައެކަނި ގޯލް 13 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބެންފިކާގެ އަންދްރެއާސް ޝްކެޑާރަޕް އެވެ. އެއީ 15 ޔާޑު ދުރުން ފްރެޑްރިސް އާސްނެސް ނަގައިދިން ބޯޅައެއް ޖިއަންލުކާ ޕްރެސްޓިއާނީ ތަނަވަސްކޮށްދިނުމާއެކުއެވެ.
ނޯތު ކެރޮލީނާގެ ޝާލޮޓް ސްޓޭޑިއަމްގައި މިއަދު ހެދުނު 3 ޖެހި އިރު ކުޅުނު މި މެޗު ފެށިއިރުވެސް ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްގައެވެ.
މެޗަށް ނިކުއިން އިރުވެސް ބަޔާން އޮތީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް މެޗުން މޮޅުވުމަށް ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ދެވަނަ ހާފަށް ނިކުއިންއިރު ތިން ބަދަލެއް ގެނެސްފައެވެ. ހެރީ ކޭން, މައިކަލް އޮލިސީ އަދި ހޯޝުއާ ކިމިޗް ކުޅުމުގެ ތެރެއަށް ނިކުއިން ނަމަވެސް ބެންފީކާ ގެ ގޯލް ފޫއަޅުވާލުމުގައި ބަޔާނަށް ވަނީ ކާމިޔާބު ނުވެފައެވެ.
25 ޔާޑު ދުރުން ކިމިޗް ފޮނުވާލި ބޯޅައެއް ގޯލަށް އަމާޒުވުމާއެކު ބަޔާނަށް ނަތީޖާއެއްވަރުކުރެވުނު ކަމަށް ހީކުރެވުނު ވަގުތުކޮޅެއް ދިޔަނަަވެސް ގޯލް ވަނީ އޮފްސައިޑްކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ބަޔާން އިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ.
ރިއެކްޝަންސް






