
ގެރެތު ބޭލް އޭނާގެ އުފަން ސިޓީގެ ކްލަބް, ކާޑިފް ސިޓީ ގަންނަނީ!
ގެރެތު ބޭލް, އޭނާގެ އުފަންސިޓީ, ވޭލްގެ ކާޑިފް ސިޓީ ގަންނަން ނިންމާފައިވާކަމަށް ބުނެފިއެވެ. ވޭލްސްގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ބޭލް, ކާޑިފް ސިޓީ ގަންނަނީ އެހެން ބަޔަކާވެސް އެކުވެގެންނެވެ.
ފުޓްބޯޅަ ކްލަބެއްގެ ވެރިއަކަށް ވުމަށް މީގެ ކުރިންވެސް ބޭލް ވަނީ ޝައުވެރިކަން ފާޅުކޮށް މަސައްކަަތް ކޮށްފައެވެ. އެމެރިކާގެ ކޮންސޯޓިއަމްއަކާ ގުޅިގެން ބޭލް މީގެ ކުރިންވެސް ޕްލައިމައުތް އާގައިލް ގަންނަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ފަހުންވަނީ ބޭކާރުވެފައެވެ. މިފަހަރު ބޭލްގެ އަމާޒަކީ އޭނާގެ ހިތާ ކައިރި ކާޑިފް ސިޓީއެވެ.
ސްކައި ސްޕޯޓްސްއަށް ދިން އިނޓަވިއުއެއްގައި ބޭލް ބުނީ އޭނާ އާއި އޭނާގެ ބައިވެރިން ކާޑިފް ސިޓީ ގަންނަން ޝައުޤުވެރިވީ އެއީ އޭނާގެ އުފަންރަށުގެ ކަލްބަ ކަމަށްވެފައި އެއީ އޭނާ އުޅެ ބޮޑުވިތަން ކަމަށްވާތީކަމުގައެވެ.
"ކާޑިފްގެ މިލްކުވެރިކަމުގައި ހިއްސާވެވުމަކީ ހުވަފެނެއް ހަޤީގަތަކަށް ވުން ކަހަލަ ކަމެއް" ބޭލް ބުނެފައި ވެއެވެ.
ކާޑިފް ސިޓީއަށް އުފަންވި ނަމަވެސް މީގެ ކުރިން ބޭލް އެ ކްލަބަށް ކުޅެފައެއް ނުވެއެވެ. ބަދަލުގައި އޭނާގެ ޔޫތު ކެރިއަރު ފެށީ ސައުތަމްޕްޓަންގެ އެކަޑެމީއިންނެވެ އޭގެ ފަހުން ޓޮޓެންހަމް އިން ރެެއާލަށް ބަދަލުވީއެވެ.
ބޭލް ބުނީ އޭނާ އުޅެ ބޮޑުވި ސިޓީގެ ކްލަބަކީ އޭނާގެ ހިތާ ވަރަށް ކައިރީގެ ކްލަބެއް ކަމަށާއި, ކްލަބް ތަރައްޤީކޮށް ކްލަބްގެ ހައްގު މަޤާމް ކަމުގައިވާ ޕްރިމިއަރ ލީގަށް އަލުން ގެންދިއުމަކީ އޭނާ އެކަމަކަށް ވަރަށް ލޯބިކުރާ ކަމެއް ކަމަށެވެ. އަދި ވޭލްސް އާއި ކާޑިފްގެ ސަޕޯޓަރުންނަކީވެސް ވަރަށް ލޯބި ބައެއް ކަމަށާއި, އެކުގައި ހިތްގައިމު ކަމެއް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ބޭލް ފާހަގަކޮށްފައި ވެއެވެ.
ކާޑިފް ސިޓީއަކީ 19-2018 ގައި ޕްރިމިއަރ ލީގުގެ ކްލަބެކެވެ. ނަމަވެސް އެއް ސީޒަނަށްފަހު ވަނީ ރެލިގޭޓް ވެފައެވެ.
ރިއެކްޝަންސް






