
ފަހުވަގުތު ޕަލްމެއިރާސްއިން ނަތީޖާ އެއްވަރުކުރުމުން ދެވަނަ ބުރުގައި އިންޓަރ މަޔާމީން ޕީއެސްޖީއާ ވާދަކުރަންޖެހިއްޖެ
ޕީއެސްޖީން ސިއޭޓްލް އެފްސީ ބަލިކޮށް ގްރޫޕް-ބީ ގެ އެއްވަނަ ވަނީ ހޯދާފައި
ފީފާ ކްލަބްވޯލްޑްކަޕްގައި މެސީގެ އިންޓަރ މަޔާމީ މޮޅުވާންދަނިކޮށް, ބްރެޒިލްގެ ޕަލްމެއިިރާސްއިން ފަހު ވަގުތު ނަތީޖާ އެއްވަރުކުރުމުން ދެވަނަ ބުރުގައި މަޔާމީން ފްރާންސްގެ ޕީއެސްޖީއާ ވާދަކުރަންޖެހިއްޖެއެވެ.
ނަތީޖާއާއެކު ޕަލްމެރިރާސް ގްރޫޕް-އޭ ގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުއެވެ. އެ އަދަދަށ ޕޮއިންޓް ލިބުނު މަޔާމީ އާއެކު ދެ ޓީމްވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ޕަލްމެއިރާސް ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް-ބީ ގެ ދެވަނައިގައި އޮތް ބޮޓަފޯގާ އެފްއާރުއާ އެވެ. އެހެންކަމުން މި މެޗު ވެގެންދާނީ ބްރެޒިލްގެ ދެޓީމްގެ ކުރުމަތި ލުމެކެވެ.
ރޭ ޕީއެސްޖީން އެމެރިކާގެ ސިއޭޓްލް އެފްސީ ބަލިކޮށް ގްރޫޕް-ބީގެ އެއްވަނަ އަށް ޖެހިލީ މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ.
މަޔާމީ އާއި ޕަލްމެއިރާސް ބައްދަލުކުރި މެޗުގެ 16 ވަނަ މިނިޓްގައި މަޔާމީއަށް ލީޑު ނަގައިދިނީ ތަޑޭއޯ އެލަންޑޭއެވެ. އޭނާއަށް ގޯލް ޖެހުމުގައި އެެހީތެެރިވި ލުއިސް ސުއަރޭޒް ވަނީ 65 ވަަނަ މިނިޓްގައި ދެވަނަ ގޯލް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.
ޕަލްމެރިރާސްގެ ދެ ގޯލްވެސް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނިޓްގެ ތެރޭގައެވެ. 80 ވަނަ މިނިޓްގައި ޕައުލީނޯގެ ގޯލަށްފަހު ޕަލްމެއިރާސްއަށް ނަތީޖާ އެއްވަރުކޮށްދިނީ އޭގެ އަށްމިނިޓްފަހުން މައުރީސިއޯގެ ގޯލާއެކުއެވެ.
ޕީއެސްޖީ އާއި ސިއޭޓްލް އެފްސީ ބައްދަލުކުރި މެޗު ގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކްވިޗާ ކްވަރަޝްކޭލިއާއެވެ. ބްރެޑްލީ ބާކޯލާ ތަނަވަސްކޮށްދިން ފުރުޞަތުގައި ޕީއެސްޖީގެ ދެވަނަގޯލް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ.
ރިއެކްޝަންސް






