
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ އަގު އެމެރިކާއިން ދައްކަންޖެހޭނެ:އީރާން
ޓްރަމްޕް ވަނީ އިޒްރާއިލް ރުއްސުމަށް އެމެރިކާގެ ރައްޔިތުންނަށް ހިޔާނަތްތެރިވެފައި ކަމަށް އީރާނުގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައި
އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަކީ "ބޮޑު ރަތް ރޮނގެއް ހުރަސްކުރުން" ކަމަށާއި އެކަމުގެ އަގު ސީދާ އެމެރިކާއިން ދައްކަންޖެހޭނެކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޝީ ވިދާޅުވެއްޖެއެވެ.
އަރާޝީ ވަނީ އެމެރިކާއިން ދިން ހަަމަލާތަކުގެ ފުރިހަަމަ އަދި "ހަމައެކަނި" ޒިންމާވެސް ނަގާނީ އެމެރިކާއިން ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން އެކަމުގައި ދައްކަންޖެހޭ އަގު ނުރަައްކާތެރިވާނެ ކަމަށް ވިދާޅުވެ ރަތް ރޮނގު ހުރަސްކުރުމަކީ އީރާނުގެ ނިއުކްލިއަރ ކާރުހާނާތަކަށް ހަަމަލާދިނުންކަމަށް އަރާޝީ ވަނީ ވިދާޅުވެފައެވެ.
އަރާޝީ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރާއިލް ރުއްސުމަށް ވަނީ އޭނާއަށް ވޯޓުދިން އެމެރިކާގެ ރައްޔިތުންނަށް ހިޔާނާތްތެރި ވެފައިކަމުގައެވެ.
މިއަދު ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަރާޝީ ވަނީ އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އދ ގެ ސަލާމާތީ މަޖިލީހަށް އަރާޝީ ވަނީ އެކަން ބަލައިދިނުމަށްވެސް ގޮވާލާފައެވެ.
"އެއީ ކަނޑައެޅިގެން އދ ގެ ޗާޓަރުގެ އަސާސީ އުސޫލުތަކާ އަދި ބައިނަލްއަޤުވާމީ ޤާނުނާ ހިލާފްކަމެއް. ދުނިޔޭގެ ސުލްހަ ނަގާލާ ހަނގުރާމައަށް ހިތްވަރުދޭ, އަދި ޤާނޫނަކަށް ތަބާނުވާ އިޒްރާއިލް އާ އެއްބައިވެ އެމެރިކާ އީރާނަށް ދިން ހަމަލާތަކުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ. އެމެެރިކާ ހިތަށްވެސް ނާރާވަރުގެ އަގެއް އެކަމުގައި ދައްކަންޖެހޭނެ" އަރާޝީ ވިދާޅުވެފައި ވެއެވެ.
އދ ށް ގޮވާލި ގޮވާލުމުގައި އީރާނުން ވަނީ އދ ގެ މެމްބަރު ގަޢުމެއްގެ ސިޔާދަތަށާއި, ބިމުގެ މަސްލަހަތަށް އެމެރިކާއިން އަރަގަނެފައިވާ ކަމަށާއި ޤަތުލްއާންމެއް ހިންގަމުން ގެންދާ އިޒްރާއިލްއަށް ވާގިވެރިވެ ސުލްހައަށް ލޯބިކުރާ އީރާންގެ ރައްޔިތުންގެ ހިތުގައި އީރާންގެ ދައުލަތާމެދު ނަފްރަތު އުފައްދަން މަސައްކަތްކުރާކަމަށް ބުނެފައެވެެ. އަދި އީރާނުގެ މިިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށްވެސް އަރާޝީ ވަނީ ވިދާޅުވެފައވެެ.
އެއީ އެމެރިކާ އަދި އިޒްރާއިލްއާ މެދު ކުރަންޖެހޭ ކޮންމެ ގޮތަކަށް އަމަލުކޮށްގެން ވިއަސް އެކަމުގައި ފަހަތަށް ޖެހުމެއް ދޫދިނުމެއް ނެތްކަމަަށްވެސް އަރާޝީ އިތުރަށް ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






