އަލް-ނަޞްރުން ރޮނާލްޑޯ ކްލަބުގައި މަޑުކުރުވަން މަސައްކަތްކުރަނީ
ރޮނާލްޑޯ އަލް-ނަޞްރުގެ މެޗެއްގައި ގޯލް ޖެހުމަށްފަހު

އަލް-ނަޞްރުން ރޮނާލްޑޯ ކްލަބުގައި މަޑުކުރުވަން މަސައްކަތްކުރަނީ

2 months ago - 14:58
May 30, 2025 - 15:03

ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ނަޞްރުން ޕޯޗްގީޗްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުންދާކަމަށް ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ފާނަންޑޯ ހިއޭރޯ ބުނެފިއެވެ. ބުރާސްފަތި ދުވަހު ހިއޭރޯ ބުނީ އެކަމުގައި އެމީހުންނަށް ވާދަވެރިކަން ބޮޑުކަމަށެވެ. 

އަލް-ފަތްޙް އާ ދެކޮޅަށް ކުޅުނު ސީޒަންގެ ފަހު މެޗަށްފަހު ރޮނާލްޑޯ ވަނީ އޭނާ ކްލަބް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ކޮށްފައެވެ. 40 އަހަރުގެ ރޮނާލްޑޯ އަލް-ނަޞްރު އާއެކު ވެފައިވާ އެއްބަސްވުން މި ހޫނު މޫސުމުގައި ހަމަވާނެއެވެ.

"ރޮނާލްޑޯ ކްލަބާއެކު ހަދާފައި އޮތް އެއްބަސްވުން ޖޫން 30 އާ ހަމައަށް އެބައޮތް. އަހަރެމެން މިދަނީ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުން. ގިނަ ކްލަބުތަކަކުން އޭނާއަށް ޝައުގުވެރިވޭ. އެކަމަކު އެއްބަސްވުން އާކުރުމުން އޭނައަށް އަހަރެމެންނާއެކު ކުރިއަށްދެވޭނެ" ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެެންސްގައި ހިއޭރޯ ބުންޏެވެ.

އޭނާ ބުނީ އެއްބަސްވުން އާކުރުމަށް ރޮނާލްޑޯ އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި, އިރާދަކުރެއްވިއްޔާ އެކަމުގައި ހައްލެއް ހޯދޭނެ ކަމުގައެވެ.

Advertisement
Advertisement

ރޮނާލްޑޯ ވަނީ ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ގޮޮތުގައި ސައުދީގައި ހޭދަކުރި ދެ ސީޒަންވެސް ނިންމާލާފައެވެ. ފުރަތަމަ ސީޒަންގައި 35 ގޯލާއެކު ލީގުގެ ރެކޯޑެއްވެސް ރޮނާލްޑޯ ވަނީ ހަދާފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯއަށް ބްރެޒިލްގެ މަޝްހޫރު ކްލަބަކުންވެސް ވަނީ ހުށަހެޅުމެއް ލިބިފައެވެ. އެ ހުށަހެޅުން ޤަބޫލުކޮށްފި ނަމަ ކުރިއަށް އޮތް ކްލަބް ވޯލްޑްކަޕްގައި ރޮނާލްޑޯ ފެނުން ގާތްކަމަށްވެސް ރިޕޯޓް ބުނެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް 5 ފަހަރު ހޯދާފައިވާ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓަޑުން އަލް-ނަޞްރާ ގުޅުނީ 2022 ވަނަ އަހަރުއެވެ.

ހިއޭރާ ބުނެފައިވަނީ އަލް-ނަޞްރަށް ރޮނާލްޑޯ ގެނައުމަކީ ޤައުމީ ޕްރޮޖެކްޓެއް ކަމަށެވެ. އެ ބިޔަ ބަދަލާއެކު ދުނިޔޭގެ ފުޓްބޯޅައިގައި ސައުދީ ލީގަށް ބޮޑު މަޝްހޫރު ކަމެއް ލިބިއްޖެކަމަށާއި, ރޮނާލްޑޯ ސައުދީއަށް އައިސް މުޅި ދުނިޔެއަށް ސައުދީ ލީގު ހުޅުވާ ދިނުމަކީ ބޮޑު ކާމިޔާބިީއެއްކަމަށްވެސް އޭނާ ބުންޏެވެ.

"އޭނާ އައުމާއެކު މިތަނަށް ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އަތުވެއްޖެ. އެ ދޮރުތައް ހުޅުވާދިނީ ރޮނާލްޑޯ" ހިއޭރާ ބުނެފައިވެއެވެ.

ދެ ސީޒަނުގައި އަލް-ނަޞްރަށް ކުޅުނު 105 މެޗުގައި 99 ގޯލް ކާމިޔާބު ކުރިނަމަވެސް އޭނާއަށް ކްލަބަށް ލީގު ކާމިޔާބުކޮށްދެވިފައެއް ނުވެއެވެ. ރޮނާލްޑޯ އާއެކު އަލް-ނަޞްރަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީ އަކީ 2023 ގެ އަރަބި ކްލަބް ޗެމްޕިއަންސް ކަޕެވެ. 

ޔުއެފާ ނޭޝަންސް ކަޕްއަށް ރޮނާލްޑޯ އަންނަ ހަފުތާގައި ޕޯޗްގަލްގެ ޤައުމީ ޓީމާ ގުޅޭނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow